ހައްޖަށް ދިއުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމަށްޓަކައި މުވައްޒަފުންނަށާއި އަތޮޅު ތެރޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހައްޖު ކޯޕަރޭޝަނުން ސްކީމެއް ތައާރަފްކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނަށް އެއް އަހަރު ފުރުން ފާހަކުރުމަށާއި އެ ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހްކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މުވައްޒަފުންގެ ހައްޖު ސްކީމާއި، ފަސޭހަ ހައްޖު ސްކީމް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ހައްޖު ކޯޕަރޭޝަނުން މިރޭ ތައާރަފްކުރި މުވައްޒަފުންގެ ހައްޖު ސްކީމަކީ މަހުން މަހަށް މުސާރައިން ކެނޑޭ ގޮތަށް ހައްޖަށް ދިއުމަށް ފުރުސަތު ފަހިކޮށްދޭ ސްކީމެކެވެ. އަދި ފަސޭހަ ހައްޖު ސްކީމަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި މީހުންނަށް ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވެ ފައިސާ ދެއްކޭނެ ފުރުސަތު ހުޅުވާލާފައިވާ ސްކީމެކެވެ.

އެ ދެ ސްކީމުގެ އިތުރު ތަފްސީލެއް މިރޭގެ ރަސްމިއްޔާތުގައި ހާމައެއް ނުކުރެއެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިހާރު ވެސް އަންނަނީ ހައްޖަށް މީހުން ގެންދިއުމަށް ދެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެއީ ހައްޖަށް ދިއުމަށް ގަނޑުކޮށް ފައިދާ ދައްކާ ޕެކޭޖަކާއި ދުރާލާ ރާވައިގެން އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ޕެކޭޖެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިދިޔަ އަހަރު ވަނީ 600 އަށްވުރެ ގިނަ މީހުން ހައްޖަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ހައްޖު ކޯޕަރޭޝަަނަށް ހައްޖަށް ގެންދިއުމަށް ލިބުނު 500 މީހުންގެ ކޯޓާއި ފަތުހު ޖަމާއަތުގެ މަކަރުގައި ޖެހި ހައްޖަށް ނުދެވުނު 125 މީހަކު ހިމެނެ އެވެ.

ހައްޖު ކޯޕަރޭޝަނުން 2017ވަނަ އަހަރާއި ހަމައަށް މީހުން ހައްޖަށް ގެންދިއުމަށް ދޫކުރާ ޖާގަތައް މިހާރު ވަނީ ފުލްވެފައެވެ.