ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އާއި އޭނާގެ އާއިލާގެ ތަކެތި ހުރި ކަމަށް ބުނާ ދެ ކޮންޓޭނާގެ މުދަލުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަޖިތު ރޯހަނާއާ ހަވާލާދީ ކޮލަމްބޯ ގެޒެޓުން މިއަދު ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޕެލެޔަގޯޑާގައި ހުންނަ ކޮންޓޭނާ ޔާޑުން ދެ ކޮންޓޭނާ ހޯދިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކޮންޓޭނާތައް ހުޅުވި އިރު އެ އޭގައި ހުރީ ފަރުނީޗަރާއި ހެދުމާއި އަދި ވެސް ރައީސްގެ ރަސްމީގެ ގެކޮޅު ޓެމްޕަލް ޓްރީސް އިން ގެނެސްފައި ހުރި ތަކެތި ކަމަށެވެ. އަދި ބުނީ އެއީ ކުރީގެ ރައީސް ރާޖަޕަކްސާ އާއި އޭނާގެ އާއިލާގެ ތަކެތި ކަމަށް ބުނި ކަމަށެވެ. އަދި ބުނީ ކޯޓު އަމުރާ އެކު އަދި ރައީސްގެ ސެކްރެޓޭރިއަޓްގެ ބޭފުޅުންނާ އެކު މާދަމާ ކޮންޓޭނާތައް އިތުރަށް ބަލާނެ ކަމަށެވެ.

ފުލުހުން ބުނީ ރައީސް ރާޖަޕަކްސާ އާއި އޭނާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާގެ ފޮޓޯޖެހި 68،000 ފާރުގައި ބަހައްޓާ ގަޑި ވެސް ފެނިފައިވާ ކަމަށެެވެ. ފުލުހުން ބުނީ އެ ގަޑިތައް ގެނެސްފައި ހުރީ ޗައިނާ އިން ކަމަށެވެ.