19 Jan 2015, 22:00
ރައްޔިތުން އުފާވެރިވާ ވަރަށް ކުރިއަށް އޮތްތަނުގައި ހައްޖަށް ދިޔުމުގެ އަގު ކުޑަވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހުކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި "ރައްޔިތުން ހިތްހަމަޖެހޭ ފަދަ އަގެއްގައި ހައްޖުގެ އަޅުކަމުގެ އަގު ކުޑަވެގެންދާނެ" ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަދާ ހަމައަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް 110 މިލިއަން ރުފިޔާ ދިވެހި ރައްޔިތުން ޖަމާކޮށްފައިވާ ކަމަށެވެ. އަދި ހަމައެއާއެކު އެ ފައިސާއިން އިންވެސްޓު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މީހުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ފަށައިގަންނަން ޖެހުނީ ބައެއް ޖަމާއަތްތަކުގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިދިޔަ އަހަރުވެސް ވަނީ 500 މީހުން ހައްޖަށް ގެންގޮސްފައި އެވެ. އަދި 2017ވަނަ އަހަރާއި ހަމައަށް މީހުން ހައްޖަށް ގެންދިއުމަށް ދޫކުރާ ޖާގަތައް މިހާރު ވަނީ ފުލްވެފައެވެ.
ހަމައެއާއެކު މިދިޔަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ޓަކައި ފަތުހު ޖަމާއަތަށް ފައިސާ ދެއްކި 125 މީހުން ހައްޖަށް ގެންދެވެން ނެތް ކަމަށް ފަހު ވަގުތު އެ ޖަމާއަތުން އެންގުމާ އެކު އެޖަމާއަތަށް ހައްޖަށް ދިއުމަށްޓަކައި ފައިސާ ދެއްކި ހުރިހާ ފަރާތެއް ވަނީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާފައި އެވެ.
މީގެއިތުރުން ހައްޖާޖީންނަށް މިއަހަރު މަސްޖިދުލް އަގުސާއަށް ޒިޔާރަތްކުރުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.