އޭޝިއާގެ ވޮލީބޯޅަ ކޮންފެޑަރޭޝަން (އޭވީސީ)އިން އިންތިޒާމްކޮށްގެން ބާއްވާ ކޮންޓިނެންޓަލް ބީޗް ވޮލީބޯލް ޓޯނަމަންޓް' ގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ ބަންގްލަދޭޝްއާ ބައްދަލުކޮށެވެ. ހެދި ގޮނޑުދޮށުގައި ކުރިއަށްދާ އެ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ 2-1 ސެޓުންނެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލު ކުރަނީ ރާއްޖެއާއި ބަންގްލަދޭޝްގެ ދެވަނަ ޓީމެވެ.

މިމަހުގެ 23 ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ސާކްގެ ގައުމުތަކުގެ އިތުރުން ތުރުކެމެނިސްތާން ވެސް ބައިވެރިވެ އެވެ.

އަންހެން އަދި ފިރެހެން ޑިވިޝަންތައް ހިމަނޭ ގޮތަށް ކުރިއަށްދާ އެ މުބާރާތަކީ އަންނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބާއްވާ އޮލިމްޕިކް ގޭމްސަށް އޭޝިއާ ބައްރުން ކޮލިފައިވާ ޓީމްތައް ހޮވުމަށް ބާއްވާ މުބާރާތްތަކުގެ ތެރެއިން މުބާރާތެކެވެ. އެގޮތުން އަންހެން ޑިވިޝަންގައި ތިން ޓީމެއް ބައިވެރި ވެފައިވާއިރު ފިރިހެން ޑިވިޝަންގައި ހަތް ޓީމެއް ބައިވެރި ވެފައިވެ އެވެ.