އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާއަތުން އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ބްރިޓްނީ ސްޕިއާސްގެ ކުރީގެ ލޯބިވެރިޔާ، ޖޯން ސަންޑަލް މަރާލައިފި އެވެ.

ޕްރައިވެޓް ކޮންޓްރެކްޓަރެއްގެ ގޮތުން ހަނގުރާމައިގެ މައިދާނުގައި އޮފިޝަލުން އުފުލުމުގައި ގެންގުޅޭ ހެލިކޮޕްޓަރެއްގެ ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރާ ސަންޑަލް މަރާލާފައި ވަނީ އަފްގާނިސްތާންގެ ވެރިރަށް ކާބުލް މަތިން ހެލިކޮޕްޓަރެއްގައި ދަނިކޮށެވެ.

އުމުރުން 33 އަހަރުގެ ބްރިޓްނީ ސްޕިއާސްއާއެކު ލޯބީގެ ގޮތުން 2007 ވަނަ އަހަރު ގުޅިގެން އުޅުނު ސަންޑަލްއަކީ ރާ ބުއިމުން ބްރިޓްނީ ސްޕިއާސް ދުރުކުރުމަށްޓަކާ އެހީތެރިވި މީހާ ކަމަށް ބްރިޓްނީ ބުނެ އެވެ. އަދި އެ ދެމީހުން އެންގޭޖް ކުރި ވާހަކަތަކެއް ވެސް މީޑިއާ އަށް ފެންމަތިވި އެވެ.

ބްރިޓްނީއާ ސެންޑަލްގެ ލޯބީގެ ގުޅުން ނިމުނު ނަމަވެސް އެ ދެ މީހުން ވަނީ އެކުވެރިކަމުގެ ގުޅުން ބާއްވާފަ އެވެ.

އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ މިރާއަށް ދިން އިންޓަވިއުއެއްގައި ސަންޑަލްގެ ބޭބެ، ކާލް ބުނެފައިވަނީ ސެންޑަލް އަފްގާނިސްތާނަށް ދިޔައީ އެ ގައުމަށާއި ރައްޔިތުންނަށް އެހީވުމަށް ކަމަށެވެ. އަދި ސެންޑަލް މަރުވުމާ ގުޅިގެން "ބްރިނީ ވެސް ދެރަވާނެ ކަމަށް،" ކާލް ބުނެފައިވެ އެވެ.

"ގަޔަށް ބަޑިޖަހާ ޖޯން މަރާލާފައި ވަނީ ކާބުލް މަތިން ދަނިކޮށް. އަހަރެމެން ކައިރީގައި ޖޯން މަރުވި ވާހަކަ ބުނީ އަފްގާނިސްތާނުގެ އޮފިޝަލުން. އެ މީހުން ބުނީ ތާލިބާނުންނޭ އޭނާ މަރާލި. އަހަރެމެންގެ އާއިލާ މި ވަނީ ހިތްފަޅައިގެން ގޮސްފައި. މައިންބަފައިން މުސްކުޅިވުމުން މިއީ އެ މީހުންނަށާއި އަހަރެމެންނަށް ވަރަށް އުދަނގޫ ވަގުތެއް،" ސަންޑަލްގެ ބޭބެ ކާލް ބުނެފައިވެ އެވެ.