އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ބޭނުންވާ ސިޓީ އާއި އަތޮޅާއި އަދި ރަށު ކައުންސިލްތައް އިންތިހާބު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެންމެ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބުކޮށް، ގިނަ ކައުންސިލްތައް ވާދަވެރި ޑީއާރްޕީން ކޮންޓްރޯލްކޮށްފި އެވެ.

މިއަދު އިރުއޮއްސުމާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ސިޓީ އާއި އަތޮޅާއި އަދި ރަށު ކައުންސިލްތަކުގައި ހިމެނޭ ޖުމްލަ 1091 ގޮނޑީގެ ތެރެއިން ޑީއާރްޕީ ވަނީ 508 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ މުޅި އިންތިހާބުގެ 47 ޕަސަންޓު ގޮނޑި އެވެ.

ނަމަވެސް، ހުރިހާ ދާއިރާތަކުން ތިން ކައުންސިލަށް ވެސް ކެންޑިޑޭޓުން ނެރުނު ވެރިކަންކުރާ ޕާޓީ އެމްޑީޕީ އޮތީ ޑީއާރްޕީއަށް ވުރެ 125 ގޮނޑި ފަހަތުގަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އެ ޕާޓީއަށް ލިބުނީ ޖުމްލަ 383 ގޮނޑި އެވެ. އެއީ މުޅި އިންތިހާބުގެ 35 ޕަސަންޓު ގޮނޑި އެވެ.

ގޮނޑީގެ ނިސްބަތަށް ބަލާއިރު، ވާދަވެރި އެމްޑީޕީ އާއި އަދި ޑީއާރްޕީއަށް ވެސް މި ތާރީޚީ އިންތިހާބުގެ އަޣުލަބިއްޔަތެއް ނުލިބެ އެވެ.

މީގެ އިތުރުން، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އިންތިހާބުގެ ގޮތުގައި ބެލެވޭ ކައުންސިލް އިންތިހާބުގައި ކުދި ޕާޓީތަކަށް ވުރެ މިނިވަން ކެންޑިޑޭޓުން ކާމިޔާބުކުރި ގޮނޑީގެ އަދަދު ވެސް އުޅެނީ ވަރަށް ބޮޑުތަން ކުރީގަ އެވެ. އެގޮތުން މިނިވަން ކެންޑިޑޭޓުން 165 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ކުދި ޕާޓީތަކަށް ލިބިފައި ވަނީ 35 ގޮނޑި އެވެ.


- ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުން އަޣުލަބިއްޔަތު ހޯދައިފައިވާ ސިޓީ ކައުންސިލްތަކާއި އަތޮޅާއި އަދި ރަށު ކައުންސިލްތަކުގެ ޖުމްލަ އަދަދު

ސިޓީ ކައުންސިލްތައް:

މި އިންތިހާބުގައި ހޮވައިފައިވާ ހަ ގޮނޑީގެ އައްޑޫ ސިޓީ ކައުންސިލް އެއްކޮށް އެމްޑީޕީ ކާމިޔާބު ކުރި އިރު، މާލެ ސިޓީ ކައުންސިލުން ވެސް ބޮޑު ތަފާތަކުން ކުރި ހޯދީ އެމްޑީޕީ އެވެ. އެގޮތުން 11 ގޮނޑީގެ މާލެ ސިޓީ ކައުންސިލުން ޖުމްލަ 9 ގޮނޑި ގެންގޮސްފައި ވަނީ އެމްޑީޕީ ކެންޑިޑޭޓުންނެވެ. ޑީއާރްޕީއަށް ކާމިޔާބުކުރެވުނީ ދެ ގޮނޑިއެވެ.

އެހެންކަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދުނު ދެ ސިޓީގެ ކަންތައްތައް ބަލަހައްޓާ ކައުންސިލްތަކުގެ ކޮންޓްރޯލް އޮތީ އެމްޑީޕީއަށެވެ.

އަތޮޅު ކައުންސިލްތައް:

ލޯކަލް ކައުންސިލް އިންތިހާބުގައި 19 އަތޮޅު ކައުންސިލެއް ހިމެނޭއިރު، އެ ކައުންސިލްތަކުގެ އެންމެ ގިނަ ގޮނޑި އަދި ކައުންސިލްތަކުގެ ވެސް މެޖޯރިޓީ ހޯދައިފައި ވަނީ ޑީއާރްޕީންނެވެ.

އަތޮޅު ކައުންސިލްތަކުގައި ހިމެނޭ 132 ގޮނޑީގެ ތެރެއިން 74 ގޮނޑި ޑީއާރްޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީ އަށް ލިބުނީ 40 ގޮނޑި އެވެ. އަދި 11 ގޮނޑި މިނިވަން ކެންޑިޑޭޓުން ކާމިޔާބުކުރި އެވެ.

ކުދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް 5 ގޮނޑި ލިބުނުއިރު ޕީޕަލްސް އެލައަންސާއި ގައުމީ ޕާޓީގެ ތެރެއިން ކޮންމެ ޕާޓީއަކުން އަތޮޅު ކައުންސިލްގެ އެއް ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ.

މީގެ އިތުރުން، އެމްޑީޕީއަށް ދެ ކައުންސިލެއްގެ މެޖޯރިޓީ ލިބުނުއިރު، ޑީއާރްޕީ ވަނީ 12 އަތޮޅު ކައުންސިލެއް ކޮންޓްރޯލްކޮށްފަ އެވެ. އެއީ ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ކ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ށ. އަތޮޅާއި ގއ. އަތޮޅުގެ އިތުރުން ޏ. އަތޮޅު އަދި ގދ. އަތޮޅު ކައުންސިލެވެ.
އެމްޑީޕީއަށް މެޖޯރިޓީ ލިބުނީ ހދ. އަދި އއ. އަތޮޅުންނެވެ.

އެމްޑީޕީއަށް ވެސް އަދި ޑީއާރްޕީ އަށް ވެސް އަޣުލަބިއްޔަތު ނުލިބޭ ފަސް އަތޮޅެއް ވެސް އެބައޮތެވެ. އެއީ ދ. އަތޮޅާއި ފ. އަތޮޅާއި އދ. އަތޮޅާއި ޅ. އަތޮޅު އަދި ހއ. އަތޮޅެވެ. އޭގެ ތެރޭގައި ހިމެނޭ ހަ ގޮނޑީގެ ދ. އަތޮޅު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓުންނެވެ.

އަދި ހއ. އަތޮޅު ކައުންސިލުން އެމްޑީޕީއާ ޑީއާރްޕީ ތެރެއިން ކޮންމެ ޕާޓީއަކަށް ވެސް ކާމިޔާބުކުރެވުނީ ފަސް ގޮނޑި އެވެ. އެހެންކަމުން އެ އަތޮޅު ކައުންސިލަކީ ވާދަވެރި ދެ ޕާޓީގެ މެދުގައި އެއްވަރަކަށް ބެހިގެން ދިޔަ ހަމައެކަނި ކައުންސިލެވެ.

އދ. އާއި ޅ. އަދި ފ. އަތޮޅުގެ ކައުންސިލްތަކުގެ ގޮނޑިތައް ވަނީ ބޮޑު ދެ ޕާޓީ އާއި އަމިއްލަ ކެންޑިޑޭޓުންނާއި އަދި ކުދި ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައި، އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ނުލިބޭ ގޮތަށް ބެހިފަ އެވެ.

އަތޮޅު ކައުންސިލްތަކަށް ބަލާއިރު އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ނުލިބޭ ހަތަރު އަތޮޅެއް އެބައޮތެވެ. އެއީ އދ. އާއި ދ. އާއި ވ. އަތޮޅު އަދި މ. އަތޮޅެވެ. ޑީއާރްޕީއަށް އެއްވެސް ގޮނޑިއެއް ނުލިބެނީ އަމިއްލަ ކެންޑިޑޭޓުންގެ ބާރުގެ ދަށަށް ދިޔަ ދ. އަތޮޅު ކައުންސިލުންނެވެ.

ރަށު ކައުންސިލްތައް:

ރަށު ކައުންސިލްތަކަށް ޖުމްލަ 942 ކެންޑިޑޭޓުން އިންތިހާބުކޮށްފައިވެ އެވެ. އޭގެ ތެރެއިން 432 ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޑީއާރްޕީންނެވެ. އެމްޑީޕީއަށް ލިބުނީ 328 ގޮނޑި އެވެ. ދެން އެންމެ ގިނަ އަދަދެއްގެ ގޮނޑި ހޯދައިފައި ވަނީ މިނިވަން ކެންޑިޑޭޓުންނެވެ. އެއީ 154 ގޮނޑި އެވެ. ކުދި ޕާޓީތަކުން ވަނީ ރަށު ކައުންސިލްތަކުގެ 28 ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ.

ރަށު ކައުންސިލްތަކުގެ މެޖޯރިޓީއަށް ބަލާއިރު، 95 ރަށު ކައުންސިލްގައި އޮޓީ ނުލުގެ މެޖޯރިޓީ އެވެ. އެމްޑީޕީއަށް ކޮންޓްރޯލްކުރެވުނީ 60 ރަށު ކައުންސިލެވެ.

މީގެ އިތުރުން، 24 ރަށު ކައުންސިލެއްގެ ބާރު މިނިވަން ކެންޑިޑޭޓުން ހޯދިއިރު، އަދާލަތާއި ޖުމްހޫރީ ޕާޓީންކުރެ ކޮންމެ ޕާޓީއަކުން ވެސް ވަނީ އެއް ރަށު ކައުންސިލްގެ މެޖޯރިޓީ ހޯދައިފަ އެވެ.