އަބަދުވެސް ޗެލްސީއަށް ގެންނަން އެންމެ ބޭނުންވި އެއް ކުޅުންތެރިއަކީ ލިވަޕޫލްގެ ސްޓީވަން ޖެރާޑް ކަމަށާއި، އޭނާ ޗެލްސީއަށް ގެންނަން ކުރި މަސައްކަތް ފެއިލް ވުމުން އެކަމާ ވަރަށް ދެރަވާ ކަމަށް ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ ބުނީ 2004 ވަނަ އަހަރުން 2007 ވަނަ އަހަރަށް އޭނާ ޗެލްސީއަށް ކޯޗުކަން ކޮށްދިން އިރުވެސް ޖެރާޑް އެ ޓީމަށް ގެންނަން މަސައްކަތް ކުރި ކަމަށެވެ. އަދި އެކަން ކުރަން އޭނާއަށް ކުރެވުނު ހުރިހާ ކަމެއް އޭރު ކުރި ކަމަށާއި، ޖެރާޑް ޗެލްސީއަށް ކުޅޭތަން އޭރު އޭނާ ވަރަށް ދެކެން ބޭނުންވިކަމަށް މޮރީނިއޯ ބުންޏެވެ.

"އޭރު ޖެރާޑް ޗެލްސީއަށް ގެންނަން ކުރެވެން އޮތް ހުރިހާ ކަމެއް އަހަރުމެން ކުރިން. އަދި އެ ޑީލް ނިމެން ވަރަށް ގާތްވި. ޗެލްސީ ފަދަ ފެންވަރު ރަނގަޅު ޓީމަކާ އޭނާ ގުޅެން ޖެރާޑްގެ މީހުންވެސް އޭރު ބޭނުންވި. ނަމަވެސް އެއްފަހަރުވެސް ލިވަޕޫލް ދޫކޮށް ޗެލްސީއަށް އަންނާނެ ވާހަކައެއް ޖެރާޑް އަހަރެން ކައިރީ ނުބުނޭ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޖެރާޑް ޖެރާޑް ޗެލްސީއަށް ނަޔަސް އޭނާއަކީ އަބަދުވެސް ލިވަޕޫލް ކުޅުންތެރިއެއްކަން މޮރީނިއޯއަށް ވިސްނޭ ކަމަށާއި، އެކަމަށްޓަކައި އޭނާއަށް ވަރަށް ގަދަރު ކުރާ ކަމަށެވެ. އަދި ލިވަޕޫލްއާ ދެކޮޅަށް ދުވަހަކުވެސް ގޯލެއް ނުޖަހާނެކަމަށް ޖެރާޑް ބުނި ބުނުމަކީ އޭނާ ވަރަށް އިހުތިރާމް ކުރާ ކަމެއް ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

"ޗެލްސީއަށް ބަދަލުނުވާން ޖެރާޑް ނިންމި ނިންމުމަކީ ހަމަ ވަރަށް ރަނގަޅު ނިންމުމެއް. ޖެރާޑް ވާނީ އަބަދުވެސް ލިވަޕޫލް ކުޅުންތެރިއަކަށް. އަދި އޭނާ ލިވަޕޫލްއާ ދެކޮޅަށް ދުވަހަކުވެސް ލަނޑެއް ކާމިޔާބު ނުކުރާނެ ކަމަށް ބުނި ބުނުމަކީ އަހަރެން ވަރަށް ގަދަރު ކުރާ ކަމެއް،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯގެ ތައުރީފު ޖެރާޑަށް ލިބިފައި ވާއިރު، މި ސީޒަން ނިމުމަށްފަހު އޭނާ ލިވަޕޫލް ދޫކޮށްލަން އުޅޭކަންވެސް ޖެރާޑް ވަނީ އާންމުކޮށް އިއުލާނު ކޮށްފައެވެ. ނަމަވެސް އޭނާ ދެން ކުޅެން ނިންމާފައި ވަނީ އެމެރިކާގެ ކްލަބެއް ކަމަށްވާ ލޮސް އެންޖެލިސް ގެލެކްސީ އަށެވެ. ޖެރާޑް ބުނި ގޮތުގައި ލިވަޕޫލް ދޫކޮށްލަން އޭނާ ނިންމި ނަމަވެސް، އޭނާ "ލިވަޕޫލާ ދެކޮޅަށް ކުޅުމަކީ ދުވަހަކުވެސް ކުރަން ބޭނުންނުވާ" ކަމެއް ކަމަށެވެ.