19 Jan 2015, 17:49
އޭޝިއާގެ ސްކޫލްތަކާ ވާދަކޮށް ޒައިދު ފިއުޗާ އެނާޖީ އެވޯޑްގެ ގްލޯބަލް ހައިސްކޫލް ޕްރައިޒް ރާއްޖޭގެ އައްޑޫ ހައި ސްކޫލުން ހޯދައިފި އެވެ.
އަބޫ ދާބީގައި މިއަދު ކުރިއަށްދިޔަ ހަތް ވަނަ ޒައިދު ފިއުޗާ އެނާޖީ ޕްރައިޒް ދިނުމުގެ ރަސްމިއްޔާތުގައި އައްޑޫ ހައި ސްކޫލަށް އެ އެވޯޑް ހަވާލުކޮށްދެއްވީ އެކުވެރި އަރަބި އިމާރާތުގެ ރައީސް ކަލީފާ ބިން ޒައިދު އަލް ނަހްޔާނެވެ. އެވޯޑާއެކު އައްޑޫ ހައި ސްކޫލާއެކު އެއްލައްކަ ޑޮލަރުގެ ފައިސާގެ އިނާމެއް ވެސް ވަނީ ލިބިފަ އެވެ.
Congratulations to Addu High School for winning#ZFEP2015Global High Schools category (Asia)#ADSW2015
— Zayed Energy Prize (@ZFEP)January 19, 2015
އައްޑޫ ހައި ސްކޫލަށް ގްލޯބަލް ހައިސްކޫލް ކެޓަގަރީގައި އޭޝިޔާގެ އެވޯޑް ލިބިފައިވައި ވަނީ އެ އެވޯޑަށް ހޮވުނު ތިން ސްކޫލަކާ ވާދަކޮށެވެ. އެއީ އަމްރާ ބިންތު އަބްދުލް ރަހްމާން ސެކަންޑަރީ ސްކޫލް ފޮ ގާލްސް އާއި ރޯޔަލް ކޮލެޖް އަދި ރިޝީ ވެލީ އެޑިއުކޭޝަން ސެންޓަރެވެ.
އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކޮށް ދެމުން އަންނަ އެ އެވޯޑު އައްޑޫ ހައި ސްކޫލަށް ލިބިފައި މިވަނީ ރާއްޖެއިން އެންމެ ފުރަަތަމަ ކާބަން ނިއުޓަރަލް ސްކޫލަކަށް ހެދުމަށް އެ ސްކޫލުން ކުރިއަށްގެންދިޔަ ޕްރޮޖެކްޓުގެ ސަބަބުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ އެވޯޑަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް ތަކުގެ ތެރެއިން އައްޑޫ ހައިސްކޫލް ހިމެނިފައިވަނީ ދުނިޔެއިން ހޮވާލެވުނު 13 ޕްރޮޕޯސަލްގެ ތެރެއިންނެވެ. ދުނިޔޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން ސްކޫލުތައް ހޮވާފައިވާއިރު އައްޑޫ ސްކޫލު ހިމެނިފައިވަނީ އޭޝިޔާއިން ހޮވި ހަތަރު ޕްރޮޕޯސަލްގެ ތެރޭގައެވެ.
އޭޝިއާ ސަރަހައްދުން އައްޑޫ ހައި ސްކޫލަށް ގްލޯބަލް ހައިސްކޫލް ޕްރައިޒް ލިބުނު އިރު، ޔޫރަޕް ސަރަހައްދުން އެ އެވޯޑް ލިބިފައިވަނީ ޕެޓްރޫ ރޭރެސް ނެޝަނަލް ކޮލެޖެވެ. އަދި އެފްރިކާ ސަރަހައްދުން ވޯޓާފޯލް ކަމްލާބާ އެ އެވޯޑު ލިބިފައިވާއިރު، އެމެރިކާއިން އެ އެވޯޑް ލިބުނީ މަންރޯ އެކެޑެމީ އަށެވެ. އަދި އޯޝޭނިއާ އިން އެ އެވޯޑް ލިބިފައިވަނީ މެލްބަން ގާލްސް ކޮލެޖެވެ.
ޒައިދު ފިއުޗާ އެނާޖީ އެވޯޑް އަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއް ފަހަރު ދެމުން އަންނަ އެވޯޑެކެވެ. އަދި މިއަހަރުގެ އެވޯޑުގެ ޖަޖުންގެ ޕެނަލުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މިއަދު ބޭއްވި އެ އެވޯޑް ޝޯއަށް އައްޑޫ ހައިސްކޫލްގެ ފަރާތުން ގޮސްފައިވަނީ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް އާއި ދެ ދަރިވަރުން ކަމަށްވާ މުހައްމަދު ޒިހާން އަދި ފާތިމަތު އުޒައިބާ އަލީ އެވެ.