19 Jan 2015, 17:40
ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެ އެ އެޕާޓްމަންޓުން ބައެއް ތަކެތި ފުލުހުން ގެންދިޔަ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ 241 ކޮމިޓީއަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ ތިން މެމްބަރުން ކަމަށްވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އެވެ.
އެ ތިން މެމްބަރުން ސޮއިކުރައްވާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ނާޒިމް ހުންނަވަނިކޮށް އެމަނިކުފާނުގެ ގެކޮޅުގެ ދޮރުތައް ވައްޓާލުމަށްފަހު މެންދަމުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެމަނިކުފާނު އުޅުއްވާ އެޕާޓްމަންޓަށް ވަދެ އެ އެޕާޓްމަންޓު ބަލާ ފާސްކޮށް ބައެއް ތަކެތި ގެންދިއުމަކީ އާދައިގެ ކަމަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން މިނިސްޓަރު ނާޒިމްގެ ގެކޮޅަށް ފުލުހުން ވަން ސަބަބު އޮޅުން ފިލުވައިދިނުމަށް ކޮމިޓީ ބާއްވައި ދިނުމަށް ވަނީ އެދިވަޑައިގެންފައި އެވެ.
މިނިސްޓަރު ނާޒިމްގެ ގެކޮޅަށް ފުލުހުން ވަދެ އެމަނިކުފާނު ދިރިއުޅުއްވާ އެޕާޓްމަންޓު ފުލުހުން ފާސްކޮށްފައި ވަނީ ވަނީ އެރޭ މެންދަމުން އަލިވެ 3:15 އެހައިކަންހާއިރު އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެ އެޕާޓްމަންޓު ބަލައި ފާސްކުރުމަށް ފަހު ފުލުހުން އެތަނުން ގޮސްފައި ވަނީ 6:00 އެހައިކަންހާއިރު އެވެ. އަދި އެ އެޕާޓްމަންޓުން ބައެއް ލިޔެކިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސްގެ ތަރުޖަމާން ސުޕްރިޑެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެއީ ޑިފެންސް މިނިސްޓަރު ނާޒިމްގެ ގެކަން ފުލުހުންނަށް އެނގުނު ހިސާބުން ފެށިގެން އެ ގެ ބަލައި ފާސްކުރަމުން ދިޔައީ މިނިސްޓަރު ނާޒިމަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމާ އެކު ކަމަށެވެ.