ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ބައްދަލުކުރައްވައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހުންގެ ހެޑް ކުއާޓަރު، ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ވަޑައިގެން ހުސައިން ވަހީދާ ބައްދަލުކުރެެއްވީ މިއަދު މެންދުރު ކުރީގެ ވަގުތެއްގަ އެވެ. ރައީސް ޕޮލިސް ކޮމިޝަނަރާ ބައްދަލުވުމަށް ވަޑައިގަންނަވާކަން އެންގެވީ، ބައްދަލުވުން ބޭއްވުމުގެ ކުޑަ އިރުކޮޅެއް ކުރީންނެވެ.

ނަމަވެސް އެ ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ރައީސް އޮފީހުން ވެސް އަދި ފުލުހުންގެ އޮފީހުން ވެސް ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.

ރައީސް ޔާމީން ފުލުހުންގެ ހެޑްކުއާޓަރަށް ވަޑައިގެން ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

ރައީސް ޔާމީން ފުލުހުންގެ މައި މަރުކަޒަށް ވަޑައިގެން ކޮމިޝަނަރު އޮފް ޕޮލިސްއާ ބައްދަލު ކުރެއްވި އިރު، ރޭގެ ކުރީ ރޭ ފުލުހުން ވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެ ގަލޮޅު އެނިފަށް ރޭޑްކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެ އަށް ވަދެ، ފާސްކުރި އެވެ. އަދި ފަހުން ފުލުހުން ބުނީ އެ ގައަށް ވަން އިރު އެއީ ޑިފެންސް މިނިސްޓަރު އުޅުއްވާ ގެ ކަން ނޭނގޭ ކަމަށެވެ. އަދި އެ ގެއިން ޑިފެންސް މިނިސްޓަރު ފެނުމާ އެކު އެމަނިކުފާނަށް ދެއްވަން ޖެހޭ ފުރިހަމަ އިހްތިރާމް ދެއްވި ކަމަށެވެ. ނަމަވެސް ހަމަ އެއާ އެކު ފުލުހުން ބުނީ އެގެއިން ތަހުގީގަށް ބޭނުންވާ ތަކެތި ގެންދިޔަ ކަމަށެވެ.

ނަމަވެސް އެއީ ކޮން އެއްޗެއް ކަމެއް ނުބުނެ އެވެ.

އެެ މައްސަލައާ ގުޅޭ ގޮގުން ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ޑިފެންސް މިނިސްޓަރު ނާޒިމު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީ ރޭގެ ހާދިސާއަށް ފަހު ވެސް އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އާއި އަދި ގައުމާ އެކު ކަމަށެވެ.