19 Jan 2015, 17:00
މިމަހުގެ 22 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ޕޮމިސް ކަޕްގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް ކްލަބާއި ސިންގަޕޯރ ލަޔަންސް ބައްދަލުކުރަން ހަމަޖެހުނު އިރު، ދެވަނަ މެޗުގައި މެލޭޝިއާގެ ޕީޑީއާރްއެމް އާއި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުތަކުގައި ވާދަކުރާ ޓީމްތައް ވާދަކުރާނެ އުސޫލު ކަނޑައަޅާފައި ވަނީ މިއަދު ޓީވީއެމްގައި ބޭއްވި އެ މުބާރާތުގެ ގުރުއަތުލުމުގައެވެ. އެ މުބާރާތުގެ ގުރުއަތު ނެންގެވީ ރާއްޖޭގައި ޕޮމިސް ކަޕް ބޭއްވި ފުރަތަމަ ދުވަސްކޮޅު އެ މުބާރާތުގައި ވެލެންސިޔާއަށް ކުޅެދިން އަބްދުއް ޝުކޫރު އާއި އިބްރާހިމް ހަމީދު އެވެ.
މާޒިޔާ އާއި ސިންގަޕޯރ ލަޔަންސް ބައްދަލުކުރާ ޕޮމިސް ކަޕްގެ ފުރަތަމަ މެޗު އޮންނާނީ މިމަހުގެ 22 ވާ ބުރާސްފަތި ދުވަހު ހަވީރު އެވެ. އަދި މުބާރާތުގެ ދެވަނަ މެޗުގައި ނިއު އާއި ޕީޑީއާރްއެމް ބައްދަލުކުރަން ހަމަޖެހިފައި ވަނީ ހަމަ އެ ދުވަހުގެ ރޭގަނޑު އެވެ.
މުބާރާތުގެ ތިންވަނަ އަދި ހަތަރުވަނަ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ 24 ވާ ހޮނިހިރު ދުވަހުގެ ހަވީރާއި ރޭގަނޑު އެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ނިއު އާއި ސިންގަޕޯރ ލަޔަންސް ބައްދަލުކުރަން ހަމަޖެހިފައި ވާއިރު، ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ މަޒިޔާ އާއި ޕީޑީއާރްއެމް އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ 26 ވާ ހޯމަ ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ނިއު އާއި މާޒިޔާ ބައްދަލުކުރަން ހަމަޖެހިފައި ވާއިރު، ރޭގަނޑުގެ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ޕީޑީއާރްއެމް އާއި ސިންގަޕޯރ ލަޔަންސް އެވެ.
ޕޮމިސް ކަޕް މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅެން ހަމަޖެހިފައި ވަނީ ގަލޮޅު ދަނޑުގައެވެ. އަދި ހަވީރުގެ މެޗުތައް ކޮންމެ ދުވަހެއްގެވެސް 16:00 ގައި ފަށަން ހަމަޖެހިފައި ވާއިރު، ރޭގަނޑުގެ މެޗުތައް ފަށަން ހަމަޖެހިފައި ވަނީ 21:00 ގައެވެ.
މީގެ 28 އަހަރު ކުރިން ފުރަތަމަ ފަހަރަށް ބޭއްވި ޕޮމިސް ކަޕަކީ ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ކުރިއެރުންތަކެއް ގެނެސްދީ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް ޝައުގުވެރިކަން އުފައްދައިދިން މުބާރާތެކެވެ.