19 Jan 2015, 16:30
ތ. ވިލުފުށީގައި 2013 ވަނަ އަހަރު ފަށައިގެން ކުރިއަށްގެންދާ އެ ރަށު ބަނދަރުގެ އާ ނެރު ހެދުމުގެ މަސައްކަތް، އެ ނެރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭނެ ކަމަށް ބުނެ ހުއްޓުވައިފި އެވެ.
ވިލުފުށީ ކައުންސިލް މެންބަރު ހުސެން ޖަބީން މިއަދު "ސަން" އަށް ވިދާޅުވީ އެ ރަށު ބަނދަރުގެ އާ ނެރު ހެދުމުގެ މަސައްކަތް ކުރިއަށްދާ އިރު، ކުރީގެ ނެރު ބެއްދުމުގެ ކަންތައް ކައުންސިލާއި ރައްޔިތުން ނުކުމެ ހުއްޓުވާފައިވާ ކަމަށެވެ. އެ މަސައްކަތް ހުއްޓުވާފައި ވަނީ، ކުރީގައި ހުރި ނެރު ބައްދައި އާ ނެރެއް ހެދި ނަމަވެސް އެ ނެރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭ ނެތީ ކަމަށް ޖަބީން ވިދާޅުވި އެވެ.
ޖަބީން ވިދާޅުވީ އަލަށް ހަދާ ނެރުގެ ބޭރުގައި "ވަރަށް ތިލަ ގިރިތަކެއް" ހުރި ކަމަށާއި އެ ގިރިތައް ނުނަގައި ނެރު ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް އެ މަސައްކަތް ނުކޮށް ކުރީގެ ނެރު ބައްދައިފި ނަމަ ބޮޑަތި އޮޑިދޯނި ފަހަރަށް ބަނދަރަށް ވަދެ ނުނިކުމެވޭނެ ކަމަށް ޖަބީން ވިދާޅުވި އެވެ.
"ނެރުގެ ބޭރުގައި މި ހުންނަނީ ވަރަށް ތިލަ ގިރިތަކެއް. އެ ނުނަގައި ބޮޑަތި އޮޑިދޯނި ފަހަރަށް ބަނދަރަށް ބަދެ ނުނިކުމެވޭނެ. އެހެންވީމަ އެ ގިރިތައް ނުނަގައި ކުރީގައި އަޅުގަނޑުމެން ބޭނުން ކުރަމުން އައި ނެރު ބެއްދުމަކީ އަޅުގަނޑުމެން އެދޭކަމެއް ނޫން،" ޖަބީން ވިދާޅުވި އެވެ.
އެ މައްސަލަ ހައުސިން މިނިސްޓްރީ އަށް ވެސް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެ މިނިސްޓްރީން މިއަދާ ހަމައަށް ޖަވާބެއް ނުލިބޭކަމަށް ޖަބީން ވިދާޅުވި އެވެ.
އެ މަސައްކަތަކީ ހައުސިން މިނިސްޓްރީ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ނެރު ހެދުމުގެ މަސައްކަތް ހުއްޓުވުމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.