07 Apr 2010, 15:06
19:00
ހުޅުމާލޭގެ ފެރީޓާމިނަލާ ދިމާލުން ކަނޑަށް ފުންމާލައިގެން އުޅެނިކޮށް ފުލުހުން ރޭ ސަލާމަތްކުރި މީހަކު، ވިލިނގިއްޔަށް ދިޔަ ފެރީއަކުން މިއަދު މެންދުރު އަނެއްކާވެސް ކަނޑަށް ފުންމާލައިގެން އުޅެނިކޮށް ފުލުހުން އޭނާ ސަލާމަތްކޮށް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހާ އެންމެ ފުރަތަމަ ސަލާމަތްކޮށްފައި ވަނީ ރޭ 11:30 ހާއިރު ހުޅުމާލޭ ފެރީ ޓާމިނަލާ ދިމާލު ތޮށިގަނޑުމަތީގައި ހުރެފައި ކަނޑަށް ފުންމާލައިގެން އުޅެނިކޮށް ފުލުހުން ދޯންޏެއްގައި ގޮސް ކަމަށެވެ. އަދި ރޭ އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް މިއަދު މެންދުރު ދޭއް ޖަހާއެހާކަންހާއިރު މާލެއިން ވިލިގިއްޔަށް ދިޔަ ފެރީއަކުން މީހަކު ކަނޑަށް ފުންމާލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެއީ އެ މީހާކަން އެނގުމުން މިހާރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އޭނާ އަކީ ސިނކުޑީގައި އުނިކަމެއް ހުންނަ މީހެއް ކަމަށާއި އޭނާ ދޫކޮށްލާނީ އޭނާއާ އާއިލާއިން ހަވާލުވުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ރޭގެ ހާދިސާ ހިނގިއިރު އެތާ ހުރި މީހަކު ބުނީ، އެ މީހާ ހުރީ ހުޅުމާލޭ ފެރީ ޓާމިނަލާ ދިމާލުބޭރު ތޮށިގަނޑުމަތީގައި ބައިސްކަލެއް ހިފައިގެން ކަމަށާއި އެހެން ހުރެފައި ބައިސްކަލް އެއްލާލުމަށް ފަހު އޭނާ ވެސް ކަނޑަށް ފުންމާލީ ކަމަށެވެ. އަދި އެ ސަރަހައްދުގައި އެވަގުތު ތިބި މީހުން އޭނާ ސަލާމަތްކުރުމަށް މަސައްކަތްކުރި ނަމަވެސް އޭނާ ބޭރަށް ފަތަން ފެށުމުން އޭނާ ނެގީ ދޯންޏެއްގައި ފުލުހުން ގޮސް ކަމަށް ވެސް މަންޒަރު ދުށް މީހާ ކިޔައިދިނެވެ.