ތެލުގެ އަގަށް އައި ހެޔޮ ބަދަލާ އެކު ޓެކްސީތަކުގެ އަގު 25 ރުފިޔާ އަށް ވުރެ ހެޔޮކުރުމަށް ޓެކްސީ ޑްރަވަރުންނާއި ޓްރާންސްޕޯޓް އޮތޯރިޓީއާ އެކު މަޝްވަރާ ކޮށްފި އެވެ. އެ މަޝްވަރާތަކަށް ފަހު ވެސް އަގަށް ބަދަލެއް ގެނައުމަށް ނިންމާފައެއް ނުވެ އެވެ.

މިއަދު ޓްރާންސްޕޯޓް އޮތޯރިޓީގައި ބޭއްވި ބައްދަލުވުގައި ބައިވެރިވި ޓެކްސީ ޑްރައިވަރެއް ކަމަށްވާ އަބްދުﷲ ޝަރީފް މިއަދު ސަން އަށް ބުނީ މިއަދު ބޭއްވި ބައްދަލުވުމުގައި ޓެކްސީ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް ނިންމާފައި ނުވާ ކަމަށެވެ. ޓެކްސީ ޑްރައިވަރުންގެ ޑިމާންޑަކީ ދިރިއުޅުމުގެ އެހެނިހެން ހަރަދުތައް ހެޔޮ ނުވަނީސް ޓެކްސީ ދަތުރުތަކުގެ އަގު ހެޔޮނުކުރަން ކަމަށް ޝަރީފު ބުންޏެވެ.

"މިއަދު އަގު ކުޑަކުރަން ނުނިންމަން، ތެޔޮ އިއްޔެ އަގުހެޔޮވިޔަސް މާދަން ބޮޑުނުވާނެ ކަމުގެ ގެރެންޓީއެއް ވެސް ނެތް،" ޝަރީފް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ތެލުގެ އަގު ހެޔޮވި ނަމަވެސް މާލޭގެ މަގުތަކުގެ ހާލަތު ހުރި ގޮތުން ޓެކްސީތައް ހަލާކުވެ މަރާމާތަށް ވެސް އެތައް ހަރަދެއް ކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. މިއަދުގެ ބައްދަލުވުން ނިންމާލާފައި ވަނީ ދެން ބާއްވާ މީޓީއެއްގައި މީޑިއާއާ އެއްކޮށް ބޭއްވުމަށް ކަމަށް ޝަރީފް ބުންޏެވެ.

އެ ބައްދަލުވުމާ ބެހޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަން އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ކުރިން ވިދާޅުވީ، އެ އޮތޯރިޓީން ގަބޫލު ކުރާ ގޮތުގައި ތެލުގެ އަގު ހެޔޮވުމާ އެކު ޓެކްސީގެ ދަތުރުތަކުގެ އަގު ހެޔޮވާން ޖެހޭނެ ކަމަށާއި އެގޮތުން ޓެކްސީ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް އެދޭ ކަމަށެވެ.

އަލަށް ގެނައި ބަދަލާ އެކު އެސްޓީއޯ އިން މީގެ ކުރިން 12.37 އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިހާރު ވަނީ، 2.37 ރުފިޔާ އަގު ހެޔޮކޮށްފަ އެވެ. އަދި ޑިސަލް ލީޓަރަކުން ވަނީ 2.33 ރުފިޔާ އަގު ހެޔޮކޮށްފަ އެވެ. އެހެން ކަމުން އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑިސަލް މިހާރު 10 ރުފިޔާއަށް ލީޓަރެއް ލިބޭނެ އެވެ.