19 Jan 2015, 16:07
މިހާރު ވަޒީފާގައި ތިބި ޑިޕްލޮމާ ފެންވަރު ނެތް ޓީޗަރުން، ޑިޕްލޮމާ ފެންވަރަށް ތަމްރީން ކުރުމަށް ޓަކައި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އިން ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
'ސަން' އަށް މައުލޫމާތު ދެއްވަމުން ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން ޝާމިލާ އަބްދުﷲ ވިދާޅުވީ، އެ ޕްރޮގްރާމަކީ ޓީޗަރުންގެ އޮނިގަނޑަށް އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު ގެނައި ބަދަލާ ގުޅިގެން، އެ އޮނިގަނޑަށް ނުފެތޭ ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ޓަކައި ފަށާފައިވާ ކެމްޕޭނުގައި އެހީތެރިވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމުގެ ދަށުން ހިންގުމަށް ހަމަޖެހިފައި ވަނީ ޑިޕްލޮމާ އިން ޓީޗިން ޕްރައިމަރީ ކޯހަކާއި ޑިޕްލޮމާ އިން ޓީޗިން ޕްރައިމަރީ (ދިވެހި، އިސްލާމް އަދި ގުރުއާން) ކޯހެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ އެ ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ޔުނިވާސިޓީގެ ހުރިހާ ކެމްޕަހަކުންނާއި އައުޓްރީޗް ސެންޓަރުތަކުން ލިބޭނެ ކަމަށް ޑީން ވިދާޅުވި އެވެ.
ބްލޮކް މޯޑަށް 10 މަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ކޯހަށް މުޅިއަކު ދައްކަންޖެހޭނީ 4،770 ރުފިޔާ އެވެ. ފަސްޓް ކަމް ފަސްޓް ސާވްގެ އުސޫލުން އެ ކޯސްތަކަށް 700 ޖާގަ ވަނީ ހުޅުވާލާފަ އެވެ.
އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ. އަދި ކޯހަށް އެދުމުގެ ފޯމް ޔުނިވަސިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ޔުނިވާސިޓީން ބުންޏެވެ.