ކުށް މަދުކުރުމަށް މަސައްކަތް ކުރުމަކީ ހަމައެކަނި ފުލުހުންގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި އެއީ ކޮންމެ ފަރުދެއްގެ ވެސް އަދި ސަރުކާރުގެ ކޮންމެ މުއައްސަސާއެއްގެ ވެސް ޒިންމާއެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

އަތޮޅުތަކުގައި މައްސަލަތައް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ނ. ރ. އަދި ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި މިއަދު ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މުހުތާޒު ވިދާޅުވީ ކައުންސިލްތަކާއި ފުލުހުން ގުޅިގެން ހާއްސަ ޕްރޮގްރާމްތަކެއް ރާވައި ކުށްތަކަށް އަރައިގަތުން މަދު ކުރުމަށް މަސައްކަތްތަކެއް ކުރައްވަން ޖެހިފައިވާ ކަމަށެވެ. އަދި ކުށްމަދުކުރުމަށް މަސައްކަތް ކުރުމަކީ ހަމައެކަނި ފުލުހުންގެ މައްސޫލިޔަތެއް ކަމުގައި ނުދެކުމަށާއި އެއީ ކޮންމެ ފަރުދެއްގެ ވެސް އަދި ސަރުކާރުގެ ކޮންމެ މުއައްސަސާއެއްގެ ވެސް ޒިންމާއެއް ކަމަށް މުހުތާޒު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ވިދާޅުވީ މީގެ ކުރިން ބ. އަތޮޅަކީ މުޅިރާއްޖެ އަށް ބަލައިފި ނަމަ ކުށްކުރުން އެންމެ މަދު އެއް އަތޮޅު ކަމަށާއި އެހެން ނަމަވެސް މިހާރު ބ. އަތޮޅުގައި ވެސް ކުށްކުރުމުގެ މިންވަރު ބިރުގަންނަން ޖެހޭ ހިސާބަކަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު 26 މައްސަލަ 2012 ވަނަ އަހަރު 40 މައްސަލަ 2013 ވަނަ އަހަރު 16 މައްސަލަ އެ އަތޮޅުން ޕީޖީ އަށް ހުށައެޅިފައިވާ އިރު، 2014 ވަނަ އަހަރު 109 ޖިނާއީ މައްސަލަ ޕީޖީ އޮފީހަށް ހުށައެޅިފައިވާކަން މުހުތާޒު ފާހަގަކުރެއްވި އެވެ.

ކޮންމެ އަތޮޅަކުން ވެސް އެއަތޮޅެއްގައި ހިނގާ މައްސަލަތައް ތަހުގީގުކޮށް އަދި ދައުވާކޮށް އެއަތޮޅެއްގައި މައްސަލަ ނިންމޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތަށް އަމަލު ކުރަން ފެށުމުން މައްސަލަތައް ފުނިޖެހުން މަދުވެ މައްސަލަތައް ނިންމޭލެއް އަވަސްވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މުހުތާޒު ވަނީ ވިދާޅުވެފަ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތައް ފަދަ މައްސަލަތައް ކުރިން ބަލަމުން ގެންދަނީ މާލެއިން ނަމަވެސް މިހާރު ރައްރަށުގެ ރަށު ކޯޓްތަކަށް ހުށައެޅިގެން ދާދިޔުމަކީ ވެސް މައްސަލަތައް ނިންމުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު އަވަސްކަމެއް ކަމުގައި ޕީޖީ ވަނީ ފާހަގަކުރައްވާފަ އެވެ.