19 Jan 2015, 15:53
ކެނެޑާގެ ފޮރެއިން މިނިސްޓަރު ޖޯން ބެއާޑް ފަލަސްތީނުގެ ވެސްޓް ބޭންކަށް ކުރެއްވި ދަތުރުގައި ފަލަސްތީނުގެ ރަމާލާގައި މުޒާހަރާ ކުރަން ތިބި ބަޔަކު އޭނާއާ ދިމާލަށް ބިސް އުކައިފި އެވެ.
ކެނެޑާ އަކީ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކުގައި ފަލަސްތީނު ސްޓޭޓެއް ކަމުގައި ބަލައިގަތުމާ ދެކޮޅު ހަދަމުން އަންނަ ގައުމެކެވެ.
އާދިއްތަ ދުވަހު ބެއާޑް ފަލަސްތީނަށް ވަޑައިގަތީ ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދު އަލް މަލިކީއާ ބައްދަލު ކުރެއްވުމަށް ކަމަށް ރޮއިޓާސް އިން ބުނެފައިވެ އެވެ. އަދި އެ ބައްދަލުވުން ނިންމެވުމަށް ފަހު ވަޑައިގަންނަވަނިކޮށް އެ ސަރަހައްދަށް އެއްވެފައި ތިބި 100 ވަރަކަށް މީހުން އޭނާ އާއި އޭނާގެ ކާރާ ދިމާލަށް ބިސް އުކި އެވެ. ނަމަވެސް އެއިން އެއްވެސް ބިހެއް މިނިސްޓަރުގެ ގަޔަށް އަމާޒު ވެފައި ނުވާ ކަމަށް ރޮއިޓާސް އިން ބުނެފައިވެ އެވެ.
ސަރަހައްދުގައި އެއްވެ ތިބި ގިނަ ގާޑުންތަކެއް އެމަންޒަރު ބަލަންތިބި ނަމަވެސް އެއިން އެކަކު ވެސް މުޒާހަރާކޮށް ބިސް ޖަހަމުން ދިޔަ މީހުން ހުއްޓާފައި ނުވާ ކަމަށް ރޮއިޓާސް އިން ބުންޏެވެ.
ފަލަސްތީނަށް ކުރި ދަތުރާ ގުޅޭ ގޮތުން ބެއާޑް ނެރުން ބަޔާނެއްގައި ބުނެފައިވަނީ މަލްކީ އާ އެކު ބޭއްވި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އެއްބަސް ނުވާ ކަންތައްތަކާ މެދު ވާހަކަ ދެއްކުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
ފަސް ދުވަހަށް ބެއާޑް ކުރާ އެ ދަތުރުގައި ފަލަސްތީނާއި އިޒްރާއިލްގެ އޮފިޝަލުންނާ ބައްދަލު ކުރާނެ އެވެ.
ކެނެޑާއަކީ އެމެރިކާ އާއި އިޒްރާއިލްއާ ވަރުގަދަ ގުޅުމެއް އޮންނަ ގައުމެއް ކަމަށްވުމުން އެ ތިން ގައުމުން ވަނީ ފަލަސްތީނު ސްޓޭޓެއް ގޮތުގައި ބަލައިގަތުމާ ދެކޮޅަށް ވޯޓުލާފަ އެވެ.