19 Jan 2015, 15:46
ކޮލަންބޯ (ޖެނުއަރީ19): އޭޝިޔާގެ ބޮޑު ދެބާރު ކަމަށްވާ ޗައިނާއާއި އިންޑިއާ އާ މެދު ސްރީލަންކާއިން ދެން މުޢާމަލާތް ކުރާނީ ހަމަހަމަ ގޮތެއްގައިކަމަށް އެގައުމުގެ އައުބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ އެންޑީޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިކްރަމަސިންހަ ވިދާޅުވީ އިންޑިއާ އާއި ޗައިނާއަކީ ސްރީލަންކާއާ ވަރަށްގާތް ދެ ރަހްމަތްތެރިން ކަމަށާއި އެ ދެ ގައުމުގެ މަސްލަޙަތު ސްރީލަންކާ އަށް އެއްވަރު ކަމުގަ އެވެ. ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާ ވަނީ އިގްތިސާދީ ގޮތުން ޗައިނާއާ ޚާއްސަ ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމްކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާ އިން އެތައް ބިލިޔަން ޑޮލަރެއްގެ ސްރީލަންކާގައި އިންވެސްޓްކޮށްފައިވެ އެވެ.
އިގްތިސާދީގޮތުން އެމެރިކާއާ ވާދަކުރަމުންދާ ދުނިޔޭ ދެ ވަނައަށް އެންމެ ބޮޑު އިގްތިސާދީ ބާރުކަމަށްވާ ޗައިނާއަކީ އިންޑިއާގެ އިގްތިސާދަށް ވުރެ ފަސްގުނަ ބޮޑު އިގްތިސާދެކެވެ. ޗައިނާއިން ސްރީލަންކާގައި އެތައް ބިލިޔަން ޑޮލަރުގެ އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކަށް ފައިސާ ޚަރަދުކުރަމުން ގެންގޮސްފައިވާ އިރު އިގްތިސާދީ ގޮތުން 10 ވަނާގައި އުޅޭ އިންޑިޔާއަކީ ޗައިނާ ކުރާފަދަ މަލްޓި ބިލިޔަން ޑޮލަރުގެ މަޝްރޫޢުތައް ސްރީލަންކާގައި އިންވެސްޓް ކުރެވޭ ފަދަ މާލީ ގާބިލްކަން ލިބިގެންވާ ގައުމެއްނޫނެވެ. އަދި އިމްރާނީ ތަރައްގީގެ ޓެކްނޮލޮޖީއަށް ބަލާ އިރު އިންޑިޔާ އުޅެނީ ޗައިނާއަށް ވުރެ އެތައް ގުނައެއް ފަހަތުގަ އެވެ.
ނަމަވެސް އިންޑިޔާއަކީ ސްރީލަންކާއާ ޖޯގްރަފިކަލް ގޮތުންނާއި ލޮކޭޝަންގެ ގޮތުން މާގާތް ގައުމަކަށްވެފައި އިންޑިޔާގެ ތަމަޅަ ދަރިކޮޅުގެ ބައިމަދު ޖަމާއަތެއް ސްރީލަންކާގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅޭތީ އިންޑިޔާގެ ސްޓްރެޓީޖިކް ބޭނުން ސްރީލަންކާއަށް ކުޑަނުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވިކްރަމަސިންހަ ވިދާޅުވީ މަހިންދަ ރާޖަޕަކްސާގެ ސަރުކާރުން ގެންގުޅުނު ޗައިނާއާ މާބޮޑަށް ގާތްވުމާއި އިންޑިޔާގެ މައްޗަށް ޗައިނާ އިސްކުރުމުގެ ސިޔާސަތުތައް އޭނާގެ ސަރުކާރުން ވަކިކޮޅަކަށް ބުރަނުވާ ސިޔާސަތުތަކަކަށް ހަދާނެ އެވެ. ރާޖަޕަކްސައާ ޚިލާފަށް ވިކްރަމަސިންހަ އަކީ އިންޑިޔާގެ އިތުރުން ހުޅަނގާ ގާތްވުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ބޭފުޅެކެވެ. ނަމަވެސް ޔޫރަޕާއި އެމެރިކާއިން މަލްޓި ބިލިޔަން ޑޮލަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކަށް ސްރީލަންކާގައި އިންވެސްޓް ކުރުމުގެ ފުރްސަތު ވަރަށް ކުޑަ އެވެ. ޗައިނާގެ ރައީސް ޝީޖިންޕިންގް މިދިޔަ އަހަރު ސްރީލަންކާ އަށް ވަޑައިގެން ފެއްޓެވި ކޮލަންބޯ ޕޯޓް ސިޓީ މަޝްރޫޢު ކުރިޔަށްގެންދިޔުމާ މެދު އަލުން ދިރާސާކުރާނެ ކަމަށް ވިކްރަމަސިންހަ ވަނީ ވިދާޅުވެފަ އެވެ. މިއީ އިންޑިޔާގެ ފިއްތުންތަކާ ގުޅިގެން ސްރީލަންކާގެ އައު ސަރުކާރުން އަޅާ ފިޔަވަޅެއް ކަމަށްވަނީ ބެލެވިފަ އެވެ.
އަށާވީސް އަހަރުގެ ދާޚިލީ ހަނގުރާމައަކަށް ފަހު ސްރީލަންކާ އަލުން ބިނާކޮށް އާރާސްތު ކުރުމަށްޓަކައި އެތަށް ބިލިޔަން ޑޮލަރެއްގެ މަޝްރޫޢުތައް އަވަސްގޮތަކަށް ބޭނުންވާއިރު އިންޑިޔާއާއި ޗައިނާ ބެލަންސްކޮށްގެންނާއި ހުޅަނގުގެ ގައުމުތަކާ ގާތްވެގެން މިމަގްސަދު ސްރީލަންކާގެ އައު ސަރުކާރަށް ޙާސިލް ކުރެވިދާނެކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. ރާޖަޕަކްސަގެ ވެރިކަމުގައި އިންފްރާސްޓްރަލްޗަރ މަޝްރޫޢުތައް ގެންދިޔަ ސްޕީޑްގައި ރަނިލް ވިކްރަމަސިންހަގެ ސަރުކާރަށް ނުގެންދެވިއްޖެނަމަ އެސަރުކާރު ހޫނުފެނައް ވެއްޓުމަށް މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)