އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (ޕޮމިސްކަޕް)ގެ ނަން ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕްގެ ނަމަށް ރިބްރޭންޑް ކޮށްފި އެވެ.

ޕޮމިސްކަޕްގެ ނަން ރީބްރޭންޑް ކުރިކަން އިއުލާނުކޮށްދެއްވީ، ޓީވީއެމް ސްޓޫޑިއޯގައި މިއަދު ބޭއްވި އެ މުބާރާތުގެ ގުރު ނެގުމުގެ ހަފްލާގައި އެ މުބާރާތް ކުރިއަށް ގެންދިއުމަށް އެފްއޭއެމުން ކަނޑައަޅާފައިވާ ކޮމިޓީގެ ޗެއާމަން، އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އެވެ.

ޓޫރިޒަމް މިނިސްޓަރުގެ އިތުރުން ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއި އެފްއޭއެމްގެ އިސް ބޭފުޅުން އަދި ރާއްޖޭގެ ފުޓްބޯޅައިގައި ކުރިން ވިދާލި ތަރިންނާއި މިހާރުގެ ތަރިންވެސް އެ ހަފްލާގައި ބައިވެރި ވެފައި ވެއެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އަދީބް ވިދާޅުވީ، މުބާރާތުގެ ނަން އެގޮތަށް ބަދަލުކުރެއްވުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި އޭގެ އިތުރުން މިނިސްޓަރު އަދީބް ވަނީ އެ މުބާރާތުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

"ކުރީގެ މުބާރާތެއް ރާއްޖޭގައި އަލުން ފަށައިން މިގޮތަށް ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް. މި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިން މުބާރާތެއް. މި މުބާރާތް އަލުން ބޭއްވިގެން ދިޔުމަކީ ރާއްޖޭގެ ފުޓްބޯޅަ ވަރުގަދަ ކުރަން އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ހަފްލާގައި މިނިސްޓަރު އަދީބް ވަނީ އެ މުބާރާތުގައި ރާއްޖޭގެ ކްލަބްތަކަށް ކުރިއެރުން ހޯދައި ދިނުމަށް ސަރުކާރުން ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެ މުބާރާތް ކުރިއަށް ދާނީ ރާއްޖެ އާއި ބޭރު ގައުމުތަކުގެ ގައުމީ ޓީމްތައް ވާދަކުރާ މުބާރާތެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ ހަފްލާގައި މުބާރާތުގެ ގުރު ނެގުމުގެ އިތުރުން މުބާރާތުގެ ބްރޯޑްކާސްޓިންގް ޕާޓްނަރަކަށް އެމްީސީ ވަނީ ހަމަޖައްސާފައެވެ. އަދި އެ މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އެމްޑަބްލިއުއެސްސީ އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަވީރު ޑެއިލީ ހަމަޖެއްސި އިރު، އެ މުބާރާތުގެ ފޮޓޯ ޕާޓްނަރަކަށް ހަމަޖެއްސީ އިމޭޖް.އެމްވީ އެވެ. އޭގެ އިތުރުން އެ މުބާރާތުގެ އާ ލޯގޯވެސް އެ ހަފްލާގައި ވަނީ ހާމަކޮށްފައެވެ.

މިމަހުގެ 22 ވާ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިފައިވާ ޕޮމިސް ކަޕްގައި މިފަހަރު ވާދަކުރަން ހަމަޖެހިފައި ވަނީ ރާއްޖޭގެ އެއްވަނަ އަދި ދެވަނަ ކްލަބް ކަމަށްވާ ނިއުރޭޑިއެންޓް އާއި މާޒިޔާގެ އިތުރުން ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް ކުޅެމުން އަންނަ މެލޭޝިއާގެ ޕީޑީއާރްއެމް އާއި ސިންގަޕޫރުގެ ޓީމެއް ކަމަށްވާ ސިންގަޕޯރ ލަޔަންސް އެވެ.

މިއަދު ނެގި މުބާރާތުގެ ގުރުން އެ މުބާރާތުގައި އެންމެ ފުރަތަމަ ކުޅޭ މެޗުގައި ވާދަކުރަން ހަމަޖެހިފައި ވަނީ މާޒިޔާ އާއި ސިންގަޕޯރ ލަޔަންސް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ނިއުރެޑިއެންޓާއި ޕީޑީއާރްއެމް އެވެ.

ރާއްޖޭގެ އެންމެ ގަދަ ހަތަރު ކްލަބާއި ބޭރުން އެ މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދެވޭ ދެ ކްލަބް ވާދަކުރާ ޕޮމިސް ކަޕް ރާއްޖޭގައި އެންމެ ފަހުން ބާއްވާފައި ވަނީ 2003 ވަނަ އަހަރު އެވެ. އަދި 11 އަހަރަށް ފަހު އަނެއްކާވެސް މިއަހަރު އެ މުބާރާތް ބާއްވާއިރު، މުބާރާތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.