19 Jan 2015, 14:41
ގައުމީ ޔުނިވާސިޓީގެ ދަށުން ހިންގާނެ މެޑިކަލް ސްކޫލެއް ގާއިމްކުރެވި މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީ ކޮޅުގައި އެތަނުގެ ހިދުމަތްދޭން ފެށޭވަރުވާނެ ކަމަށް ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެ އެވެ.
ޔުނިވާސިޓީއަށް ވައިސްޗާންސެލަރަކާއި ފެކަލްޓީ އޮފް ހެލްތު ސައިންސަށް ޑީނަކު އައްޔަންކުރުމަށް މިއަދު ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗާންސެލަރު ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ތެރޭގައި ހެލްތު ސައިންސްގެ ދާއިރާއިން މަތީ ފަންތިއަކަށް ގެންދެވޭނެ ކަމަށެވެ. އަދި މެޑިކަލް ސްކޫލެއް ގާއިމްކުރުމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު އެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"...މެޑިކަލް ސައިންސްގެ ގޮތުން ފަށަން ވެއްޖެ ކަމުގެ އުއްމީދު ލިބިފައިވަނީ. އޭގެ ފުރިހަމަ އެކްސްޕަޓީސް ރިޕޯޓެއް ލިބިފައި ވަނީ. އެއީ މެޑިކަލް ސްކޫލެއް އުފެއްދުމުގެ ފުރަތަމަ ފިޔަވަޅު. އެ ރިޕޯޓް ދިރާސާކޮށް މިއަހަރުގެ ފަހުކޮޅަށް ނުވަތަ އަންނަ އަހަރަށް ފެކަލްޓީ އޮފް މެޑިސިން ފެށޭނެ ކަމަށް އުއްމީދުކުރަން،" ޗާންސެލަރު ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގައުމީ ޔުނިވާސިޓީގެ ރިސާޗް ސެންޓަރުގެ ތެރެއިން ދަރިވަރުންނަށް މުހިއްމު ރޯލެއް އަދާކުރެވޭނެ ކަމަށެވެ. އަދި ރިސާޗަކީ ހަމައެކަނި ސައިންސް ލެބޯޓަރީއަކުން ހެދޭނެ އެއްޗެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"..ހަމައެކަނި ސައިންސްގެ ރޮނގަކުން ނޫން އެކިއެކި ރޮނގުތަކުން ރިސާޗްތައް ކުރިއަށްގެންދެވޭނެ ކަމަށް އުއްމީދުކުރަން. ހާއްސަކޮށް ރާއްޖެއަށް ބޭނުންވާ އިޖްތިމާއީ ދާއިރާތަކުގެ ރިސާޗްތައް. ރާއްޖޭގެ ތާރީހާއި ސަގާފަތުގެ ދާއިރާ ގައި ލިޔެވިފައިވާ ފޮތްތައް ވަނީ ތަހުގީގުކުރަން ވެފައި. އޭގެ ތެދުދޮގު ހޯދަންޖެހިފައި،" ޗާންސެލަރު ވިދާޅުވި އެވެ.