19 Jan 2015, 13:59
މާލޭ ސިޓީ ކައުންސިލާ މެދު ސަރުކާރުގެ ވުޒާރާތަކުން ކަންތައްތައް ކުރާ ގޮތުން އެ އެކައުންސިލްގެ މުވައްޒަފުނަށް ނުތަނަވަސްކަން ކުރިމަތިވަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެތަނުގެ މުވައްޒަފުންނަށް ނުތަވަސްކަން ކުރިމަވަތިވަމުންދާއިރު ސަރުކާރުގެ ބައެއް ވުޒާރާތަކުން ކަންތައް ކުރަމުންދާ ގޮތުން އެ ކައުންސިލުން ކުރަމުން ގެންދާ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ދިމާވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 42ވަނަ މާއްދާގެ ދަށުން މާލެ ސިޓީގެ މިސްކިތްތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އެހެންނަމަވެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން މިސްކިތްތައް އިސްލާމިކް މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފައެވެ.
ސިޓީ ކައުންސިލުން ބުނީ އެކަން އެގޮތަށް ހިނގާފައިވީ ނަމަވެސް ސިވިލް ސާވިސް މުވައްޒަފުން ބަދަލު ކުރިކަން އެ ކައުންސިލަށް އަންގާފައި ނުވާ ކަމަށެވެ.
"ހަމަ އެފަދައިން މި އިދާރާއިން މަސައްކަތް ކުރަމުން ގެންދާ އެހެން ބައެއް މުވައްޒަފުން އާދިއްތަ ދުވަހު އޮފީހަށް ނުނިކުތުމާ ގުޅިގެން ހަބަރު ބެލިއިރު އެ މުވައްޒަފުންވެސް ހައުސިން މިނިސްޓްރީ އިން އަންގައިގެން މި އިދާރާއަށް ހާޒިރުވެފައި އެއް ނުވެ އެވެ." ބަޔާނުގައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ، މީގެ ކުރިން ސިވިލް ސާވިސް މުވައްޒަފަކު ސިވިލް ސާވިސް ކޮމިޝަނުން ބަދަލުކުރާއިރު އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހަށާއި ބަދަލުވާ އޮފީހަށްވެސް ލިޔުމުން އަންގާ ކަމަށެވެ. އެހެންނަމަވެސް މިހާރު އެ އުސޫލަށް އަމަލުކުރަމުންދާތަން ނުފެންނަ ކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
"މިހިންގަމުން ގެންދާ ގާނޫނާ ހިލާފު އަމަލުތަކާއިމެދު މި އިދާރާއިން ހިތާމަކުރަމެވެ. އަދި އެކަން ކުށްވެރި ކުރަމެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން މިފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކޮށްދެއްވުމަށްވެސް ދަންނަވަމެވެ." ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައި އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް މިދިޔަ އަހަރު މަޖިލީހުން ގެނައި އިސްލާހެއްގެ ދަށުން މީހުން ދިރިއުޅޭ ރަށްތަކުގައި ބިނާކޮށްފައިވާ މިސްކިތްތަކާއި ނަމާދުގެތައް ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައި ވަނީ މިސްކިތްތައް ބަލަހައްޓަން ޖެހޭނީ ކައުންސިލްތަކުން ކަމަށެވެ.