19 Jan 2015, 13:43
ހަތިޔާރު ކޮންޓެއިނާތަކެއް އަރުވައިގެން ސްރީލަންކާއަށް ދިޔަ އާގުބޯޓެއް އެގައުމުގެ ފުލުހުން ހިފަހައްޓައިފި އެވެ.
ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު އަޖިތު ރޮހާނާއާއި ހަވާލާދީ ކޮލަމްބޯ މިރާ ނޫހުން ބުނީ ގޯލް ބަނދަރަށް ދިޔަ އެމްވީ މަހަނުވަރާ ނަމަކަށް ކިޔާ އާގުބޯޓު ހިފެހެއްޓީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އަދި ބުނީ އެބޯޓުގައި 12 ކޮންޓެއިނާގެ ހަތިޔާރު ހުރި ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ މެދުގައި ދަތުރުކުރާ އެބޯޓަކީ ސްރީލަންކާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް ކަމަށް ނޫސްތަކުން ބުނެފައި ވެއެވެ.
ސްރީލަންކާގައި މިމަހުގެ ކުރީކޮޅު ބޭއްވި ރިޔާސީ އިންތިހާބުގައި އެގައުމުގެ ވެރިކަން ބަދަލުވި ފަހުން މިފަދަ ހާދިސާތައް ތަކުރާރުވަމުން އަންނަ ކަމަށް ކޮލަމްބޯމިރާގެ ހަބަރުގައި ވެއެވެ.