މިއަހަރުގެ ކުޅިވަރު ކަލަންޑަރ ކުޅިވަރާ ބެހޭ މިނިސްޓްރީން މިއަދު ނެރެފި އެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ނެރޭނެ ކަމަށް މިނިސްޓްރީން ބުނި ކަލަންޑަރ މިއަދު ނެރުނުއިރު އެންމެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ހިމަނާފައިވަނީ މިދިޔަ މަހު ބޭއްވި ޤައުމީ ޓެނިސް މުބާރާތެވެ. މީގެ އިތުރުން ބާސްކެޓްގެ ލީގާއި އެތްލެޓިކްސް އެސޯސިއޭޝަންގެ ޤައުމީ ކަސްރަތު މުބާރާތްވެސް މިދިޔަ މަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފުޓްބޯޅައިގެ ފުރަތަމަ ކަމަކަށް ކަލަންޑަރުގައި ހިމަނާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކުޅެވޭ ޗެރިޓީ މެޗެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވޭ މިމެޗުގައި ވާދަކުރާނީ ވިކްޓަރީ އާއި ވީބީ އެވެ.
ކުޅިވަރު ކަލަންޑަރަށް އެންމެ ބާރުބޮޑު މަހެއްގެ ގޮތުގައި އޮތީ މާޗް މަހެވެ. އެމަހު 9 ހަރަކާތެއް ކަލަންޑަރުގައިވަނީ ހިމަނާފައެވެ.

މިނިސްޓްރީގެ ކުޅިވަރު ކަލަންޑަރ ނެރުނުއިރު ފުޓްބޯޅައާއި ވޮލީން ވަނީ ކަލަންޑަރ ނެރެފައެވެ. މިނިސްޓްރީން ބުނީ ކަލަންޑަރ ނެރުން ލަސްވީ ޒުވާނުންގެ މަރުކަޒުގެ ދެ ކަމެއްގެ ތާރީޚު ޔަގީން ނުވެގެން ކަމަށެވެ.