ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މެމްބަރު ސުޖާއު ހުސައިން ސަސްޕެންޑު ކުރުމަށް ފަހު، އޭނާ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ގައުމީ ސަލަމަތާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

މިއަދު މެންދުރު 1:30 ގައި ބޭއްވި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ސުޖާއު ސަސްޕެންޑު ކުރުމަށް ފަހު، އެލްޖީއޭގެ މެމްބަރުކަމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ފާސްކުރީ އެ ކޮމެޓީގެ ހަތް މެމްބަރުންގެ ތާއީދާ އެކު އެވެ. ސުޖާއު ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ ދެ މެމްބަރެކެވެ.

ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެމްބަރު އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ސުޖާއުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އެލްޖީއޭ އާއި ބައެއް މަޖިލިސް މެމްބަރުންކަމަށެވެ.

ސުޖާއު އަކީ އެލްޖީއޭގެ ރައީސް ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޯޑު ބައްދަލުވުމަށް ހުށަހެޅުއްވި ބޭފުޅެކެވެ. އޭނާ ހުށަހެޅުއްވި އެ މައްސަލަ ބޯޑު ބައްދަލުވުމަށް އެޖެންޑާކޮށްފައެއް ނުވެއެވެ. އަދި އޭގެފަހުން އޭނާގެ ރިޔާސަތުގެ ދަށުން ވަނީ ބޯޑު ބައްދަލުވުމެއް ބާއްވައި އެލްޖީއޭގެ ރައީސްކަމުން ނާޒިމް ވަކިކުރަން ފާސްކޮށްފަ އެވެ.

އޭގެފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ނާޒިމް ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ފާސްކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށާއި އެހެންކަމުން އަދިވެސް އޭނާ އަކީ އެ އޮތޯރިޓީގެ ރައީސް ކަމަށެވެ.