ސިފައިން ދިރިއުޅެން ދޫކޮށްފައިވާ ބަނޑޭރިކޮށީގައި ގަވައިދާ ހިލާފަށް އުޅެމުންދާ ފަރާތްތައް އެތަނުން ނެރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން މޭޖަރ ހުސައިން އަލީ 'ސަން' އަށް ވިދާޅުވީ، ބަނޑޭރިކޮށީގައި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތައް އެތަނުން ނެރުމުގެ މަސައްކަތް މިއަދުވެސް އަނެއްކާ ފަށާފައިވާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ އަމާޒަކީ ވީހާވެސް އަވަހަށް އެފަރާތްތައް އެތަނުން ނެރުން ކަމަށް ވިދާޅުވި އެވެ.

'ސަން'އަށް އެނގިފައިވާގޮތުން ސިފައިންނާއި ފުލުހުން މިއަދު ވަނީ، ބަނޑޭރިކޮށީގައި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތައް އެކޮށިން ނުކުތުމަށް އަންގާފައެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ގެތަކުން އެމީހުން ނެރުމަށް ދާނެ ކަމަށްވެސް ބުނެފައިވާ ކަމަށް އެ ގެތަކުގައި ދިރިއުޅޭ މީހުން ސަން އަށް ބުންޏެވެ.

ސިފައިންގޭގެ ވަޒީފާގައި 32 އަހަރު އުޅުމަށްފަހު މިދިޔަ އަހަރު ރިޓަޔާވެފައިވާ އަބްދުލް އަޒީޒު މިއަދު ސަން އަށް ވިދާޅުވީ، އެބޭފުޅުން އެ ކޮށިން ނުކުތުމަށް އެއްވެސް ދެކޮޅެއް ނުހައްދަވާ ކަމަށާއި އެބޭފުޅުންގެ އެދުމަކީ މާލެއިން އުޅޭނެ ތަނެއް ލިބެންދެން އެތަނުގައި އުޅުމުގެ ހުއްދަ ދިނުން ކަމަށެވެ.

"އަޅުގަނޑު އެދޭ ކަންކަން ބުނެ އެތައް ސިޓީ އެއް އެމްއެންޑީއެފްގެ ވެރިންނަށްވާނީ ފޮނުވާފައި. ނަމަވެސް ސިޓީ އަކަށް ޖަވާބެއް ނުލިބޭ،" އަޒީޒު ވިދާޅުވި އެވެ.

ބަނޑޭރިކޮށި އެމީހުންނަށް ދީފައިވަނީ ސިފައިންގޭގައި ހިދުމަތުގައި އުޅޭހާ ދުވަހަކު ދިރިއުޅުމަށެވެ. ނަމަވެސް ސިފައިންގެ ހިދުމަތުން ވަކިވެފައިވާ އެތައް ބަޔަކު ދަނީ އެތަނުގައި ދިރިއުޅެމުންނެވެ. އެކޮށީގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ބަދަލުގެ ގޮތުގައި މީގެ ކުރިން ވަނީ ފައިސާވެސް އެފަރާތްތަކަށް ދީފައެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ވަނީ އެކޮށިން މީހުން ނެރުމުގެ މަސައްކަތްކޮށްފައެވެ. އެމްއެންޑީއެފުން މިހާރު ނިންމާފައިވަނީ އެބިމުގައި ފުލެޓް އެޅުމަށެވެ.