މިހާރު އޮސްޓްރޭލިއާގައި ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް، ޗައިނާ ގްރޫޕް 'ބީ'ގެ އެއްވަނަ ހޯދިއިރު، އެ ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި އުޒްބަކިސްތާނު މުބާރާތުގެ ކުއާޓާއަށް ދަތުރު ކޮށްފި އެވެ.

އިއްޔެ ޗައިނާ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ އުތުރު ކޮރެއާ އާ ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކުރި ޗައިނާ ވަނީ އެ ޓީމް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް، މުބާރާތުގެ ސެމީގެ ޖާގަ ކަށަވަރު ކޮށްފައެވެ. އަދި އިއްޔެގެ ކާމިޔާބީއާއެކު މިޙާރު އެ ޓީމް ވަނީ ގްރޫޕް ސްޓޭޖުގައި މުޅިއެކު ނުވަ ޕޮއިންޓު ހޯދާ، ތާވަލްގެ އެއްވަނަ ހާސިލް ކޮށްފައެވެ.

މެޗު ފެށިތާ ފުރަތަމަ މިނެޓުތެރޭ ސުން ކޭ ކާމިޔާބު ކުރި ލަނޑާއެކު އެ މެޗުގައި ޗައިނާ ވަނީ އަވަސް ލީޑެއް ނަގާފައެވެ. މެޗުގައި ކުރިއަށް ޖެހިލައިން ގިނަ ހަމަލާތަކެއް އުފެއްދި ޗައިނާއަށް ދެވަނަ ލަނޑުވެސް ފަރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސުން ކޭ އެވެ.

މެޗުގައި އުތުރު ކޮރެއާއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ދަވަނަ ހާފްގައި ޗައިނާގެ ގައޯ ލިން އަތުން ބައިކޮޅަށް ވަން ގޯލަކުނެވެ. އެ ލަނޑާއެކު ކޮރެއާ މެޗުގެ ކުރި ހޯދަން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް ވަނީ އެކަން ކާމިޔާބު ނުވެފައެވެ. އެ މެޗުގެ ނަތީޖާއާއެކު އުތުރު ކޮރެއާ މުބާރާތުން ކަޓާފައި ވަނީ އެ ޓީމް ކުޅުނު ހުރިހާ މެޗަކުން ބަލިވެގެނެވެ.

އިއްޔެ ސައުދީ އަރަބިއްޔާއާ ދެކޮޅަށް އުޒްބަކިސްތާނު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އުޒްބަކިސްތާނުވެސް ވަނީ އަވަސް ލީޑެއް ނަގާފައެވެ. މެޗު ފެށިތާ ދެވަނަ މިނެޓުގައި އުޒްބަކިސްތާނުގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ރަޝިޑޮވް އެވެ. އޭނާ ވަނީ މެޗުގެ 78 ވަނަ މިނެޓުގައި އުޒްބަކިސްތާނުގެ ފަހު ލަނޑުވެސް މެޗުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.

އުޒްބަކިސްތާނުގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމްގެ ޝޯޑޭވް އެވެ.

ސައުދީ އަރަބިއްޔާއަށް އިއްޔެގެ މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 60 ވަނަ މިނެޓުގައެވެ. ސައުދީ އަރަބިއްޔާއަށް ލިބުނު ޕެނަލްޓީއަކުން އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އަލް ސަހްލަވީ އެވެ.

މުބާރާތުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ގްރޫޕް 'ބީ' ގެ މެޗުތަކުގައި ފުރަތަމަ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކުރި ސައުދީ އާއި އުޒްބަކިސްތާނު މީގެ ކުރިން އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފައެވެ.

އެ މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައި ވަނީ ގްރޫޕް 'ސީ' ގެ އެންމެ ފަހު މެޗުތަކެވެ.