19 Jan 2015, 12:55
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސް ކުރަން ފަށާފައިވާ ޖިނާއީ އިޖުރާތުގެ ބިލާއި ފުލުހުންނާ ބެހޭ ގަވައިދުގައިވާ ބައެއް ކަންކަމާ މެދު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ކޮމަންވެލްތު ހިއުމަން ރައިޓްސް އިނިޝޭޓިވް(ސީއެޗްއާރްއައި) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެދެޖަމާއަތުން އެކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރީ ޖިނާއީ އިޖުރާއަތްތަކާ ބެހޭ ބިލާއި ކުރިން މަޖިލީހަށް ހުށަހަޅާފައި އޮތް ފުލުހުންގެ ގާނޫނާ ބެހޭ ބިލާ ބެހޭ ގޮތުން ކުރި ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓެއްގަ އެވެ.
"ރިވިއު އޮފް ދަ ލީގަލް ފްރޭމްވޯކް އޮފް މޯލްޑިވްސް ޕޮލިސް ސާވިސް"ގެ ނަމުގައި އިއްޔެ ނެރުނު ރިޕޯޓުގައި ޖިނާއީ އިޖުރާތުގެ ބިލާ ބެހޭ ގޮތުން ފާޅުކޮށްފައިވާ މައިގަނޑު ކަންބޮޑުވުމަކީ ތަހުގީގު ނިމި ޝަރީއަތަށް ފޮނުވުމަށް ޓަކައި މައްސަލަ ދިރާސާ ކުރާ އިރު މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭ ގޮތަށް އޮންނަ އޮތުމެވެ. އެކަމުގައި އެއްވެސް އިސްތިސްނާއެއް ނެތި އޮތުމަކީ އެބިލް ގާނޫނަކަށް ވެއްޖެ ނަމަ އެ ގާނޫނު ހިންގަން އުނދަގޫވާނެ ސަބަބެއް ކަމަށް ދެކޭ ކަމަށް ރިޕޯޓްގައިވެ އެވެ.
އެ ބިލްގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ފުލުހުންގެ ގާނޫނާ ބެހޭ ބިލާ ގުޅޭ ގޮތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމްޑީއެންގެ ފަރާތުން އިއްޔެ ބުނީ އެ ބިލް އޮތްގޮތަށް ފާސްވެއްޖެ ނަމަ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޑިމޮކްރެޓިކްކޮށް ފުލުހުންގެ ޚިދުމަތް ދިނުމުގެ އުސޫލުތައް ނެތި ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.
އެހެންނަމަވެސް އާ ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށަހަޅާފައެއް ނުވެ އެވެ.
ރިޕޯޓް އާއްމު ކުރެއްވުމަށް ސޯލްޓް ރެސްޓޯރެންޓްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހާކަފުޅު ދައްކަވަމުން އެމްޑީއެންގެ ފަރާތުން ވާހަކަ ދެއްކެވި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ ރައީސާ ޝަހިންދާ އިސްމާއީލް ވިދާޅުވީ ރިވިއުގައި އެބިލްތައް އަޅާ ކިޔާފައި ވާނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ރާއްޖޭން ސޮއިކޮށްފައިވާ މުއާހަދާތަކާ ކަމަށެވެ.
އޭނާ ވިދާޅުވީ ދިރާސާ ކުރުމުގައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒުގެ ލޯ ފާމްގެ އެހީތެރިކަން ހޯދާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ދިރާސާގައި ބައިވެރިވުމަށް ފުލުހުންނަށް ވެސް ދައުވަތު ދިން ކަމަށާއި އެހެން ނަމަވެސް އެކަމަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.