19 Jan 2015, 12:52
ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި ހާހަކަށް ވުރެ ގިނަ ދިވެހި އަންހެނުން ހަރަކާތްތެރިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އަންހެނުންނަށް ކުރާ ނޭދެވޭ ތަފާތުކުރުންތަކާ ބެހޭ ގޮތުން އެޗްއާރްސީއެމްގެ ފަރާތުން ކޮމިޓީ އޮން އެލިމިނޭޝަން އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑޯ ކޮމިޓީ) އަށް ހުށައަޅާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި 1139 އަންހެނުން ހަރަކާތްތެރިވާ ކަމަށެވެ. އަދި މީގެ ތެރެއިން އަށް ޕަސެންޓަކީ 18 އަހަރުން ދަށުގެ ކުޑަކުދިން ކަމަށް، 2010 ވަނަ އަހަރު ސަރުކާރުން ހަދާފައިވާ ދިރާސާއަކުން ދައްކާ ކަމަށް އެ ރިޕޯތުގައި ބުނެފައިވެ އެވެ.
އަންހެނުންނަށް ކުރާ ނޭދެވޭ ތަފާތުކުރުންތަކާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ އެ ރިޕޯޓުގައި ގައުމީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެފައިވާކަން ފާހަގަކޮށް ބުނެފައި ވަނީ، ސިޔާސީ ކަންކަމުގައި އަންހެނުން ޝުއޫރު ފާޅުކުރާ މިންވަރު ވަނީ 79 ޕަސެންޓުން 80 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. އަދި ފިރިހެނުންގެ ބައިވެރިވުން ދަށަށް ގޮސްފައިވާ ކަމަށް ވެސް އެޗްއާރްސީއެމްގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެެ.
ސީޑޯ ކޮމިޓީ އަށް އެޗްއާރު ސީއެމްގެ ފަރާތުން ފޮނުވާފައިވާ ރިޕޯޓުގައި އަންހެނުންނަށް ކުރާ ތަފާތު ކުރުންތަކާއި ގެވެށި އަނިޔާ ނައްތާލުމަށް ފުޅާ ދާއިރާއެއްގައި ދައުލަތުން މަސައްކަތް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ގާނޫނުތައް އިސްލާހު ކުރަން ޖެހިފައި ވުމުން ބައެއް ކަންތައްތައް ތަންފީޒު ކުރުމަށް އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.