ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސްޗާންސެލަރު، ރިސާޗް އެންޑް ޑިވެލޮޕްމަންޓަށާއި ފެކަލްޓީ އޮފް ހެލްތް ސައިންސް (އެފްއެޗް) އަށް ޑީނަކު އައްޔަންކޮށް ކުރައްވައިފި އެވެ.

ޔުނިވާސިޓީގެ ރިސާޗު ކުރުމުގެ ދާއިރާ ކުރިއަރުވަން އަލަށް އުފެއްދި ޑީވީސީ ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޔުނިވާސިޓީގެ ކައުންސިލުގައި ވެސް ހިދުމަތްކުރައްވާފައިވާ އަދި ސިވިލް އިންޖިއަރިންގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. މުހައްމަދު ޝަރީފެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ޑީންގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ މިދިޔަ ހަތަރު އަހަރު ވެސް އެ ފެކަލްޓީގެ ޑީންގެ މަގާމު އަދާކުރެއްވި އަދި ޕަބްލިކް ހެލްތްގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ޝާހީން އިސްމާއީލެވެ.

ގައުމީ ޔުނިވާސިޓީގަ މިއަދު އޮތް ރަސްމިއްޔާތު ތެރެއިން --- ސަން ފޮޓޯ/ އަލީ ނަސީރު

ޔުނިވާސިޓީގެ އިސް މަގާމުތަކަކީ އާއްމުކޮށް ހުޅުވާލައިގެން ކޮންމެ ހަތަރު އަހަރަކު ބަދަލުވަމުން އަންނަ މަގާމުތަކެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން ވިދާޅުވީ، މިއަދު އައްޔަންކުރެއްވި ދެ މަގާމަކީ ޔުނިވާސިޓީ އަށް ވަރަށް މުހިއްމު މަގާމުތަކެއް ކަމަށެވެ. އެގޮތުން ރިސާޗް ސެންޓަރުގެ ތެރެއިން މުހިއްމު ރޯލެއް އަދާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"..ހަމައެކަނި ސައިންސްގެ ރޮނގަކުން ނޫން އެކިއެކި ރޮނގުތަކުން ރިސާޗްތައް ކުރިއަށްގެންދެވޭނެ ކަމަށް އުއްމީދުކުރަން. ހާއްސަކޮށް ރާއްޖެ އަށް ބޭނުންވާ އިޖްތިމާއީ ދާއިރާތަކުގެ ރިސާޗްތައް. ރާއްޖޭގެ ތާރީހާއި ސަގާފަތުގެ ދާއިރާ ގައި ލިޔެވިފައިވާ ފޮތްތައް ވަނީ ތަހުގީގުކުރަން ވެފައި. އޭގެ ތެދުދޮގު ހޯދަންޖެހިފައި،" ޗާންސެލަރު ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހެލްތު ސެންޓަރުގެ ތެރެއިން ވެލްނަސް ސެންޓަރެއް ގާއިމްކޮށް މުޖުތަމައުއަށް އެ ސެންޓަރުން ހިދުމަތްދެވިގެން ދިއުމަކީ އުއްމީދުކުރައްވާ ކަމެއް ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔުނިވާސިޓީގެ ޑެޕިއުޓީ ޗައިސްޗާންސެލަރު (ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ މަގާމަށް އައްޔަންކުރެއްވި ޑރ. ޝަރީފު ވިދާޅުވީ، ޔުނިވާސިޓީގެ ސްޓެރެޓެޖިކް ޕްލޭނުން އުގަންނައިދިނުމުގެ އިތުރުން އިލްމީ ތަހުލީލު ކުރުމަށް އިސްކަމެއް ދީފައިވާކަން ފާހަގަވާ ކަމަށެވެ.
ގައުމީ ޔުނިވާސިޓީގަ މިއަދު އޮތް ރަސްމިއްޔާތު ތެރެއިން --- ސަން ފޮޓޯ/ އަލީ ނަސީރު

އެގޮތުން މަގާމުގެ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއާ ބެހޭ ގޮތުން ހަދާފައި ހުރި ދިރާސާތަކާއި ދަރިވަރުން ހޯދާފައިވާ ހޯދުންތައް ޔުނިވާސިޓީ އިން ލިބޭނެ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައުމަށް ބޭނުންވާ ދާއިރާތަކުން އިލްމީ ތަހުލީލު ކުރުމުގައި އެންމެ ފުންނާބު އުސް މަރުކަޒަކަށް ޔުނިވާސިޓީ ހަދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ދަސްވެނިވާ ދަރިވަރުންނަކީ ކްރިޓިކަލް ތިންކާސް އަށް ހެދުން. ޔުނިވާސިޓީގައި އިލްމީ ދިރާސާކުރެވޭ ވަސީލަތްތައް ފޯރުކޮށްދީ އިލްމީ ދިރާސާތަކުގެ އަލީގައި ގައުމުގެ ހާލަތު ރަނގަޅުކޮށް ފުނދުންތެރި މުޖުތަމައުއަކަށް ރާއްޖެ ހެދުން،" ޑެޕިއުޓީ ވައިސްޗާންސެލަރު ޝަރީފް ވިދާޅުވި އެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ޑީނަށް އައްޔަންކުރެއްވި ޝާހީން ވިދާޅުވީ، ވޭތުވެ ދިޔަ ހަތަރު އަހަރު އެ ފެކަލްޓީއަށް ގުޅުނު ދަރިވަރުންގެ އަދަދު 70 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. އަދި ސިއްހީ ދާއިރާއަށް ބޭނުންވާ އިލްމީ ގާބިލް މީހުން ބިނާކުރުމަށްޓަކައި ޔުނިވާސިޓީގެ އެކި ކެމްޕަސްތަކާއި ފެކަލްޓީތަކުގެ ކޯސްތަކާއި ޖާގަ އިތުރު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖެއާއި ބައިނަލްއަގްވާމީ ރިސާޗް ހެދުމަށް ރޭވިފައިވާ ކަމަށާއި މުޖުތަމައުއަށް ވެލްނަސް ކްލިނިކެއްގެ ހިދުމަތް ދިނުމަށް ޓަކައި އަމަލީ މަސައްކަތްތައް ކުރަމުންދާ ކަމަށް ޝާހީން ވިދާޅުވި އެވެ.