19 Jan 2015, 12:12
އަންހެނުންނަށް ކުރާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ރިޕޯޓެއް ބައިނަލް އަގުވާމީ މުއާހަދާގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކޮމިޓީ އޮން އެލިމިނޭޝަން އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑޯ ކޮމިޓީ) އަށް ހުށަހަޅައިފި އެވެ.
އެޗްއާރްސީއެމް އިން ބުނީ އެ ރިޕޯޓު ހުށަހެޅީ މި މަހުގެ 12ވަނަ ދުވަހު ކަމަށެވެ.
މި ރިޕޯޓު ތައްޔާރު ކުރެވިފައިވަނީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާއި ވުޒާރާތަކާއި އަމިއްލަ ޖަމްއިއްޔާ ތަކާއި ކޮމިޝަންގެ މަސައްކަތްތަކުގެ ތެރެއިން ލިބިފައިވާ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެ އެވެ.
އެޗްއާރްސީއެމް ބުނީ ސީޑޯ ކޮމިޓީގައި ރާއްޖެ ރިވިއު ކުރަން ހަމަ ޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 16 އިން މާޗް މަހުގެ ހަވަނަ ދުވަހަށް ބާއްވާ އެ ކޮމެޓީގެ 60 ވަނަ ބައްދަލުވުމުގައި ކަމަށެވެ.
އެ ރިޕޯޓްގައި ހިމެނެނީ ސީޑޯ މުއާހަދާގެ ދަށުން ދައުލަތަށް ތަންފީޒު ކުރުމަށް ލާޒިމްވާ ކަންތައްތަކުގެ ތެރެއިން ތަންފީޒު ނުވެ ހުރި ކަންތައްތަކާ އަދި 2007 ވަނަ އަހަރު ސީޑޯ ކޮމިޓީއިން ދިވެހި ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އަމަލީ ސިފަ އައިސްފައިވާ މިންވަރާއި އަދި އަންހެނުންގެ ހައްގުތައް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތަކާއި އަދި ދައުލަތުގެ ފަރާތުން އަންހެނުންގެ ހައްގުތައް ފޯރުކޮށްދިނުމުގައި ރަނގަޅުކުރަން ޖެހޭކަމަށް އެޗްއާރްސީއެމަށް ފެނިފައިވާ ކަންތައްތަކެވެ.
އެ މުއާހަދާގެ ދަށުން ފޮނުވަން ޖެހޭ ލިސްޓް އޮފް އިޝޫޒް އަށް ފޮނުވަން ޖެހޭ މައުލޫމާތު ފޮނުވާފައިވަނީ 17 ޖޫން 2014 ގައެވެ.