ހުޅުމާލޭގައި އިމާރާތްކޮށް ނިމިފައިވާ ޕްރީ ސްކޫލުގެ ކިޔެވުން އެންމެ ލަސްވެގެން މި އަހަރުގެ މާޗް މަހުގެ ތެރޭގައި ފެއްތޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސާ އިބްރާހިމް އާސިފް ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް ފުރަތަމަ ބިލަމަށް ލުމުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކާ ހަވާލުނުކޮށް އަލުން ބީލަން ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އަލުން ބީލަމަށް ހުޅުވާލެވި މާޗް މަހުގެ ނިޔަލަށް ކިޔެވުން ފެއްޓޭނެ ކަމަށް އާސިފް ވިދާޅުވި އެވެ.

"މަަސައްކަތް ކުރަނީ އެންމެ ލަސްވެގެން މާޗް މަހުގެ ނިޔަލަށް ހުޅުވޭތޯ، އެންމެ ލަސްކޮށް އެހިސާބަށް ހުޅުވޭނެ ކަމަށް މިބަލަނީ،" އާސިފް ވިދާޅުވި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ނޭބާހުޑް އެކެއްގައި އިމާރާތްކޮށް ނިންމާފައިވާ ޕްރީސްކޫލުގެ އިމާރާތް އެޑިއުކޭޝަން މިނިސްޓްރީ އާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހަވާލުކޮށްފަ އެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު އެ ސްކޫލްގެ ކިޔެވުން ފެށޭނެ ކަމަށެވެ.

ޒަމާނީ ފެންވަރެއްގައި ހަދާފައިވާ އާ ޕްރީ ސްކޫލް ފަޅަށްހުރި އިރު އެ ސްކޫލަށް ތައުލީމް ހާސިލްކުރަން ވެއްދި ދަރިވަރުން މިހާރު ކިޔަވަމުން ދަނީ ވަގުތީ ސްކޫލެއްގަ އެވެ. އެއީ ވަރަށް ޖާގަ ކުޑަ ސްކޫލަކަށް ވުމުން ދަރިވަރުންގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށް ސަން އާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުންޏެވެ.

އަލަށް އިމާރާތްކޮށްފައިވާ އެ ޕްރީސްކޫލަކީ އަށް ކްލާސްރޫމްގެ ޕްރީސްކޫލެކެވެ. އޭގެ އިތުރުން އެސްކޫލުގައި ކޮމްޕއުޓަ ލެބަކާއި އޯޑިއޯ-ވިޝުއަލް ކްލާހެއް އަދި ހޯލެއް އިންނާނެ އެވެ. ދިހަ މިލިއަނަށް ވުރެ ގިނަ އަދަދަށް ޚަރަދުވެފައިވާ އެ ސްކޫލުގެ ކޮންމެ ކްލާހެއްގައި 25 ދަރިވަރުންނަށް ކިޔެވޭނެ އެވެ. ތިން ގަޑިއިރުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ އިރު ކޮންމެ ސެޝަނެއްގައި 200 ދަރިވަރުންނަށް ކިޔެވޭނެ އެވެ.