ސްޕެނިޝް ލީގުގައި ރޭ ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނަ މަގާމް ދަމަހައްޓަމުން ދާއިރު، ޑިޕޯޓިވޯގެ މައްޗަށް ރޭ ހޯދި ކާމިޔާބީއާއެކު ބާސެލޯނާ، ރެއާލްއާ އެއް ޕޮއިންޓު ގާތަށް އަނެއްކާވެސް ޖެހިލައިފި އެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރެއާލް ވަނީ ލީގުގައި މިހާތަނަށް 45 ޕޮއިންޓު ހޯދާފައެވެ. އަދި ބާސާ ލީގުގައި މިހާރު 44 ޕޮއިންޓު ހޯދާފައި ވާއިރު، ރެއާލަށް އޮތް ހިތްހަމަޖެހުމަކީ ބާސާ މިހާތަނަށް ކުޅުނު 19 މެޗާ އަޅާ ބަލާއިރު، ލީގުގައި 18 މެޗު ކުޅުނު ރެއާލަށް އެ ޓީމުގެ މައްޗަށް ހަތަރު ޕޮއިންޓު ހޯދާނެ ފުރުސަތު އޮތުމެވެ.

ގެޓާފޭއާ ދެކޮޅަށް ރޭ ރެއާލް ކުޅުނު މެޗު ކާމިޔާބުކުރީ 3-0 ގެ ފަސޭހަ ނަތީޖާއަކުން ނެވެ. މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގައި ރެއާލްގެ ފޯވާޑް ލައިން ފޯމަކަށް އެޅި، އެޓޭކް ތަކުގައި އެ ޓީމުގެ ނުރައްކާތެރިކަން ދައްކުވައިދޭން ފެށުނީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު އެވެ. ފުރަތަމަ ހާފްގައި ގެޓާފޭގެ ކީޕަރު ޖޯޑީ ކޮޑީނާގެ ފަރާތުން ރަނގަޅު ސޭވްތަކެއް ފެނިގެން ގޮސްފައި ވާއިރު، ކައުންޓާ ތަކުގައި އެ ޓީމްވެސް ވަނީ ރަނގަޅަށް މަސައްކަތް ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްގައިވެސް ރެއާލް ހަމަހައަކަށް އެޅެން ވަނީ ވަގުތުކޮޅެއް ނަގާފައެވެ. ނަމަވެސް އެ ޓީމް ގެޓާފޭގެ ގޯލަށް އުފައްދަމުން ދިޔަ ނުރައްކާތެރި ހަމަލާތަކުގެ ނަތީޖާ އެ ޓީމަށް ފެނިގެން ދިޔައީ މެޗުގެ 63 ވަނަ މިނެޓުގައި ރެއާލްގެ ކަރިމް ބެންޒެމާ ދިން ރީރި ޕާހަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ގެޓާފޭގެ ގޯލު ހުޅުވާލަ ދިނުމުންނެވެ.

އޭގެ ހަތަރު މިނެޓު ފަހުން ރެއާލްގެ ގެރެތު ބޭލް އެ ޓީމަށް ލީޑު ޑަބަލް ކޮށްދިނެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅު ރަނގަޅު ފޯމަކާއި އެކު ކުޅެމުން އައި ރެއާލްގެ ފޯވާޑް ލައިން ވަނީ ހަމަ އެ ވަގުތުކޮޅު ތެރޭ އިތުރަށް ލީޑު ފުޅާކޮށްލާފައެވެ. މެޗުގައި ރެއާލްގެ ފަހު ލަނޑު ކާމިޔާބު ކުރީ ޖޭމްސް ރޮޑްރިގޭޒް ނަގައިދިން ރީތި ބޯޅައަކުން ރޮނާލްޑޯ އެވެ.

ރެއާލް މެޗުގައި ރޮނާލްޑޯ ދެ ލަނޑު ކާމިޔާބުކޮށްފައިވާއިރު، ބާސާ ކުޅުނު މެޗުގައި މެސީ ވަނީ ހެޓްރިކެއް ހަދާފައެވެ. ޑިޕޯޓިވޯ ލަކަރޫނިއާ އާ ދެކޮޅަށް ބާސާ ކުޅުނު އެ މެޗު ބާސާ ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައިވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މެޗު ކޮންޓްރޯލް ކުރި، ބާސާގެ ފުރަތަމަ ދެ ލަނޑު މެސީ ކާމިޔާބު ކުރީ މެޗުގެ 10 ވަނަ މިނެޓުގަ އާއި 33 ވަނަ މިނެޓުގައެވެ.

މެޗުގެ ގިނަ ވަގުތު ޑިޕޯޓިވޯ މަސައްކަތް ކުރަން ޖެހުނީ ބާސާގެ ނުރައްކާތެރި ހަމަލާތައް ދިފާއު ކުރުމުގައެވެ. މެޗުގައި ނޭމާ އާއި މެސީ އަދި ސުއަރޭޒް އެ ޓީމުގެ ޑިފެންސް އެތައް ފަހަރަކު ފޫއަޅުވާލި އިރު، ބާސާގެ ދެވަނަ ލަނޑު މެސީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 33 ވަނަ މިނެޓުގައެވެ.

މެސީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފްގައި، މެޗުގެ 62 ވަނަ މިނެޓުގައެވެ. އެ ލަނޑާއެކު މެޗުގައި ބާސާ ހަމަޖެހިލިއިރު، އެ ޓީމަށް މެޗުގެ ހަތަރުވަނަ ލަނޑު ކާމިޔާބުވީ 83 ވަނަ މިނެޓުގައި ޑިޕޯޓިވޯގެ ސިޑްނޭ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އެ ލަނޑާއެކު މެޗުގެ ތިން ޕޮއިންޓް ބާސާއަށް ކަށަވރު ވެގެން ދިޔައިރު، އެ މެޗުގެ ނަތީޖާއާއެކު ރެލިގޭޝަން ޒޯނާ އެއް ޕޮއިންޓް ގާތުގައި އޮތް ޑިޕޯޓިވޯ ވަނީ 17 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައި އަދި މަޑުކޮށްލަން ޖެހިފައެވެ.