30 ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ކުޅެވުނު ފުރަތަމަ މެޗު ރެޑްލައިން ކްލަބް ކާމިޔާބުކޮށްފި އެވެ. އެޓީމު ރޭ މޮޅުވީ ދިވެހި ސިފައިންގެ ކްލަބާއި ވާދަކޮށް 78-71 ޕޮއިންޓުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދާ މުބާރާތުގައި ރެޑްލައިން މޮޅުކޮށްދިނުމަށް އެންމެ މުހިއްމު ދައުރެއް އަދާކޮށްދިނީ ރެޑްލައިނަށް ކުޅޭ ލަންކާގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ރުމޭޝް އެވެ. އޭނާ ވަނީ 23 ޕޮއިންޓް ހޯދައިގެން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މިމެޗުން މޮޅުވުމުން ރެޑްލައިން 3 ވަނަ ސެމީއަށް ހޮވުނުއިރު ދިވެހި ސިފައިންގެ ކްލަބްވަނީ މުބާރާތުން ކަޓާފައެވެ. އެޓީމު ވަނީ ލީގުގައިވެސް ދެވަނަ ބުރުގައި ރެޑްލައިން އަތުން ބަލިވެފައެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ލީގުގެ 1 ވަނަ ޓީރެކްސް އާއި ދެވަނަ ހަރިކޭނެވެ. މިމެޗުން މޮޅުވާ ޓީމެއް ހޮވޭނީ ފައިނަލަށެވެ.