ބާޒާރުގައި ތެލުގެ އަގު ބޮޑުތަން ހެޔޮވުމާއި ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އެދިއްޖެ އެވެ.

'ސަން'އިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ، އެ އޮތޯރިޓީން ގަބޫލް ކުރާގޮތުގައި ތެލުގެ އަގު ހެޔޮވުމާ އެކު ޓެކްސީގެ ދަތުރުތަކުގެ އަގު ހެޔޮވާންޖެހޭނެ ކަމަށާއި އެގޮތުން ޓެކްސީ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ ތެލުގެ އަގަށް މިއައި ބަދަލާއި ގުޅިގެން ރައްޔިތުންނަށް ޓެކްސީ އަގު ނަގައިގެން ހިދުމަތް ފޯރުކޮށްދެއްވާ ހުރިހާ ފަރާތްތަކުންވެސް އެ ބަދަލުގެނައުން. އޭގެތެރޭގައި ޓެކްސީ ދުއްވާ ފަރާތްތަކާއި ލޮރީ އަދި ޕިކަޕްތައް ވެސް ހިމެނޭ،" ނާފިޒް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ، މިހާރުން މިހާރަށްވެސް ޓެކްސީ ދަތުރުތަކުގެ އަގު ހެޔޮކުރަން ބޭނުންވާ ފަރާތްތަކަށް އަގު ހެޔޮ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެއީ އެ އޮތޯރިޓީން ވަރަށް އެދޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް މާދަމާ ޓެކްސީ ޑްރައިވަރުންނާ އެކު މަޝްވަރާ ކުރުމަށް ފެށޭނެ ކަމަށާއި ހެޔޮކުރަން ވަކި އަގެއް އެ އޮތޯރިޓީން ކަނޑައަޅާނީ އެ ބައްދަލުކުރެއްވުމުގައި ޓެކްސީ ދުއްވާ ފަރާތްތަކާއެކު ކުރެވޭ މަޝްވަރާ ތަކަށް ފަހުކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އަގު ބޮޑުވުމުގެ މައިގަނޑު ސަބަކަށް ވެފައި މިވަނީ ތެލުގެ ހަރަދު ބޮޑުވުން. އެހެންކަމުން ތެލުގެ އަގު ވަރަށް ބޮޑުތަން ކުޑަވުމާއި އެކީގައި ވަރަށް އަވަހަށް ޓެކްސީ ދުއްވާ ފަރާތްތަކާއި އެކީގައި ބައްދަލުވުންތަކެއް އެބަ ބާވަން،" ނާފިޒް ވިދާޅުވި އެވެ.

މީގެ ކުރިން 10 ރުފިޔާއަށް ކުރަމުން އައި ޓެކްސީ ދަތުރުތަކާއި 25 ރުފިޔާއަށް ދަތުރެއް ކުރަމުން އައި ޕިކަޕުގެ ދަތުރުތަކުގެ އަގު އިންތިހާއަށް ބޮޑުކޮށްފައިވަނީ ތެޔޮ އަގު ބޮޑުވުމުން ގެއްލުންވާ ކަމަށް ބުނެއެވެ. އިއްޔެ އެސްޓީއޯއިން ތެލުގެ އަގު ބޮޑުތަން ހެޔޮކޮށްފައިވާއިރު ޓެކްސީ އާއި ޕިކަޕުގެ ދަތުރުތަކުގެ އަގު ހެޔޮވެފައިވޭތޯ ސަން އިން އެތައް ސެންޓަރަކަށް ގުޅާލުމުންވެސް ލިބުނު ޖަވާބަކީ ދަތުރުތަކުގެ އަގު ހެޔޮނުވާ ކަމެވެ.

އަލަށް ގެނައި ބަދަލާ އެކު އެސްޓީއޯ އިން މީގެ ކުރިން 12.37 އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިހާރު ވަނީ، 2.37 ރުފިޔާ އަގު ހެޔޮކޮށްފައެވެ. އަދި ޑިސަލް ލީޓަރަކުން ވަނީ 2.33 ރުފިޔާ އަގު ހެޔޮކޮށްފައެވެ. އެހެން ކަމުން އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑިސަލް މިހާރު 10 ރުފިޔާއަށް ލީޓަރެއް ލިބޭނެ އެވެ.