ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ ވެރިއެއްކަމަށް ފުލުހުން ބުނާ މ.ލޮނުމިދިލިގެ އިބްރާހިމް ޝަފާޒު އަބުދުއްރައްޒާގް 18 އަހަރަށް ޖަލަށް ލުމާ އެކު 75000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ސަފާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުމުގެ ކުށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ދެ ކަމެއްގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެއީ ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެ އިން ބޭރުގެ މީހަކަށް ސަފާ ފައިސާތަކެއް ފޮނުވާފައިވާ ކަން ދަލީލުކޮށްދިނުމަށް ޓަކައި ވިލާ ޓްރެވެލްސް އިން ދީފައިވާ ލިޔުންތަކަކާއި ސްރީލަންކާގެ މީހަކާ ފޯނުން ސަފާދައްކާފައިވާ ވާހަކަތަކެއްގެ ރެކޯޑިން އެވެ.

ސަފާގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ސަފާ ފައިސާ ފޮނުވިކަން ދަލީލުކޮށްދޭ ލިޔެކިޔުންތައް ވިލާ ޓްރެވެލްސް އިން ފުލުހުން ހޯދާފައިވާ އިރު އެއީ ޒާތީ މުއާމަލާތެއް ކަމަށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން މީސްމީހުންގެ ޒާތީ މުއާމަލާތްތައް ފުލުހުން ހޯދަން ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެހެންނަމަވެސް ވިލާ ޓްރެވެލްސް އިން ސަފާއާ ގުޅުންހުރި ލިޔުންތައް ހޯދާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ދައުލަތުން ޝަރީއަތަށް ހުށަހަޅާފައި ވަނީ ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ މެދުވެރިކޮށް 2006 ވަނަ އަހަރު ސަފާ ރާއްޖެން ބޭރުގެ މީހަކަށް ފައިސާ ފޮނުވިކަން ދަލީލުކޮށްދޭ ލިޔުންތަކެއް ކަމަށާއި އެހެންނަމަވެސް، މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމާ ގުޅޭ ގޮތުން ސްރީލަންކާގެ މީހަކާ އޭނާއާ ދެމެދު ކޮށްފައިވާ ފޯންކޯލަކީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކޮށްފައިވާ ފޯންކޯލެއް ކަމަށް އެ ހުކުމްގައިވެ އެވެ.

އެހެންކަމުން އެފަދަ ހާލަތެއްގައި ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ މެދުވެރިކޮށް 2006 ވަނަ އަހަރު ކޮށްފައިވާ މުއާމަލާތްތަކަކީ އެ މައްސަލައިގައި ބޭނުންކުރެވޭނެ މުއާމަލާތެއް ނޫން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ހުކުމްގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާގެ މުއާމަލާތްތައް ޝަރީއަތަށް ބަލައި ނުގަނެވޭއިރު، ދެން އެ މައްސަލައިގައި ހެކީގެ ގޮތުގައި ހިމެނެނީ ފޯންކޯލް ރެކޯޑިން އެކަނި ކަމަށެވެ. ފޯން ކޯލް ރެކޯޑިން އަކީ ގަރީނާއެއް ކަމަށާއި ހަމައެކަނި ގަރީނާގެ މައްޗަށް ބިނާކޮށް ޖިނާއީ ކުށެއް ސާބިތު ނުކުރެވޭނެ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

މީގެ ކުރިން ހައިކޯޓުން ވަނީ ސަފާގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ދެ މީހެއްގެ މައްޗަށް އިއްވި ހުކުމް ވެސް ބާތިލުކޮށްފަ އެވެ.

އެ މައްސަލައިގައި މިހާރު ޖަލުގައި ތިބީ ހ. ފަށަންގޭގެ ކޮޓަރިތެރެއިން މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ތިން މީހުންނެވެ. އެ ތިން މީހުންގެ ތެރެއިން ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމް ފިޔަވައި އެހެން އެއްވެސް މީހަކު ހުކުމް އިސްތިއުނާފުކޮށްފައެއް ނުވެ އެވެ.