19 Jan 2015, 10:26
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ނޫޓު ސީރީޒަށް ބަދަލުގެނެސް، "ރަން ދިހަފަހެއް"ގެ ނަމުގައި ނެރޭ އާ ނޫޓު ސީރީޒް ފަރުމާކުރަން ހުށަހަޅާފައިވާ ޕްރޮޕޯސަލް ތަކުގެ ތެރެއިން އެންމެ މޮޅު ތިން ޕްރޮޕޯސަލް ހޮވައިފި އެވެ.
އެންމެ މޮޅު ތިން ޕްރޮޕޯސަލް ހޮވުމުގައި އެމްއެމްއޭއިން ބަލާފައި ވަނީ، ރަން ދިހަފަހެއް ފަރުމާކުރަން ހުޅުވާލި ފުރުސަތުގައި 29 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅުމުން އޭގެތެރެއިން ޝޯޓް ލިސްޓް ކުރެވުނު ހަ ފަރާތެއްގެ ޕްރެޒެންޓޭޝަނަށް ބެލުމަށް ފަހު ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އެންމެ މޮޅު ތިން ޕްރޮޕޯސަލަކަށް ހޮވިފައިވަނީ މ. ރޯޒީ ސައިޑް، މުހައްމަދު ރައްސާމު އާއި ގ. އަނބުގެ އިބްރާހިމް ހުސައިން ޝިހާބު އާއި، މ. ނިޔަމި އަލީ ނިޝާފް ރަޝީދު ގުޅިގެން ހުށައެޅި ޕްރޮޕޯސަލްގެ އިތުރުން، ބ ކެންދޫ ޖަވާހިރު މާގެ އަބްދުﷲ ނަޝާތުގެ ޕްރޮޕޯސަލާއި، މ. މޭރީ އަފްޒަލް ޝާފިއުގެ ޕްރޮޕޯސަލެވެ.
މިނިވަން ފަންސާހާ ދިމާކޮށް ނެރޭ ނޫޓު ސީރީޒަށް ޕްރޮމޯސަލް ހުށަހެޅި މީހުންގެ ތެރެއިން، އެންމެ މޮޅު ތިން މީހަކު ހޮވާފައި ވަނީ އެމްއެމްއޭ އިން ނަގާފައިވާ ހާއްސަ ކޮމިޓީއަކުންނެވެ. އެންމެ ރަގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަކަށް 400،000 ރުފިޔާ އިނާމެއްގެ ގޮތުގައި ދިނުމަށް އެމްއެމް އޭ އިން ވަނީ ނިންމާފައެވެ. އެންމެ މޮޅި ތިން ޕްރޮޕޯސަލުގައި ހިމެނުނު ބޭފުޅުންގެ ހުރިހާ ނޫޓު ސީރީޒެއްގެ ފަރުމާ ދައްކާލުމަށް ހަމަޖެހިފައިވަނީ މިއައްނަ މަހު 25ގައި ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މުޅިން އާ ނޫޓް ސެޓެއް ނެރެން ނިންމީ، ދިވެހި ރުފިޔާގެ ނޫޓުތަކުގައި ހިމެނޭ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެވެން އޮތީ މިހާރު ގެންގުޅޭ ނޫޓްގެ ބަދަލުގައި މުޅިން އާ ނޫޓްތަކެއް ތަފާތު ޑިޒައިނަކާއެކު ތައާރަފުކޮށްގެންނެވެ.