19 Jan 2015, 10:17
ޓޫރިސްޓުންނާއި އާންމު ރައްޔިތުންނަށް ވެސް ހުޅުވާލައިގެން ފްލައިމީގެ ސީޕްލޭންގެ ޚިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު އެ އެއާލައިނުން ހުޅުވާލައިފި އެވެ.
ފްލައިމީން ބުނީ ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ ރީތިކަން މަތިން ދެކިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފަށާފައިވާ އެ ދަތުރުތައް މިވަގުތު ކުރަނީ ހަމައެކަނި މާމިގިލި އެއާޕޯޓުން ކަމަށެވެ. ނަމަވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ލިބުނުހާ އަވަހަކަށް ރިސޯޓުތަކުގެ ވޯޓާ ޕްލެޓްފޯމްތަކަށް ޖައްސަމުންދާނެ ކަމަށް އެ އެއާލައިނުން މައުލޫމާތު ދެއެވެ.
މިވަގުތަށް ފްލައިޓްތައް އޮޕަރޭޓްކުރަން ހަމަޖެހިފައި ވަނީ ހަމައެކަނި އދ. އަތޮޅަށް، ނަމަވެސް ސީޕްލޭންގެ ދަތުރުތަކަށް ލިބޭ ތަރުހީބަށް ބަލައި ދުވާލެއްގެ މައްޗަށް 10 ފްލައިޓް އޮޕަރޭޓްކުރާނެ ކަމަށާއި ހާއްސަ ދުވަސްތަކަށް ފްލައިޓްތައް ޗާޓަރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެކަމަށް އެ އެއާލައިނުން މައުލޫމާތު ދެއެވެ.
ޓޫރިސްޓުންގެ ބުކިންގެ ކަންތައް ރިސޯޓުތަކުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ އިރު އާންމު ފަރުދުންނާއި އެހެނިހެން ފަރާތްތަކަށް 75 ޑޮލަރަށް ސީޕްލޭންގެ ޚިދުމަތް ލިބޭނެ ކަމަށާއި ފެބްރުއަރީ މަހުން ފެށިގެން ސީޕްލޭން ދަތުރުތަކަށް އިތުރު އައު ކަންތައްތަކެއް ތައާރަފުކުރާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
ހަތް ފަސިންޖަރުންގެ ޖާގައިގެ އެ ފްލައިޓަކީ އޭސީކޮށް ލެދަރ ގޮނޑިތައް ހަރުކޮށް، ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ ފްލައިޓެކެވެ. އެ ފްލައިޓުން ކުރާ ދަތުރުތަކަކީ 20 މިނިޓުގެ ދަތުރުތަކެއް ނަމަވެސް 20 މިނިޓަށްވުރެ އިތުރަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.