19 Jan 2015, 09:56
އިނގިރޭސި ޕްރިމިއާ ލީގު ލީޑު ކުރަމުންދާ ޗެލްސީއާ އެންމެ ގާތުން ވާދަކުރަމުންދާ މެންޗެސްޓާ ސިޓީ ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން، ފަސް ޕޮއިންޓުގެ ލީޑެއް އޮތް ޗެލްސީއާ އަރާ ހަމަހަމަ ކުރުމަށް އަނެއްކާވެސް ސިޓީއަށް އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޗެލްސީ ތާވަލްގެ އެއްވަނަ ދަމަހައްޓަމުން އަންނަނީ 52 ޕޮއިންޓާއެކު އެވެ. އަދި ދެވަނައިގައި 47 ޕޮއިންޓާއެކު ސިޓީ އޮތްއިރު، އެ ޓީމާ އެންމެ ގާތުން ވާދަކުރާ ސައުތޭމްޕްޓަން އޮތީ 42 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އެންމެ ފަހުން ލީގުގައި ކުޅުނު މެޗުތައް ސައުތޭމްޕްޓަނާއި ޔުނައިޓެޑްވެސް ކާމިޔާބު ކުރިއިރު، ތާވަލްގެ ފަސް ވަނައިގައި އޮތް އާސެނަލް އަންނަނީ އަދިވެސް ތާވަލްގެ ހަތަރު ވަނައިގައި އޮތް ޔުނައިޓެޑާއި އެއް ޕޮއިންޓުގެ ފަރަގެއް ދަމަހައްޓަމުން ނެވެ.
ރޭގެ މެޗު އާސެނަލް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފެށިއިރު ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގޭމް ކޮންޓްރޯލް ކުރަމުން އައީ ސިޓީ އެވެ. ނަމަވެސް ފުރަތަމަ ވަގުތުކޮޅު އެ ޓީމަށް ވަނީ އާސެނަލްގެ ރޭވުންތެރި ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ. ކައުންޓާ ތަކުގައި އާސެނަލްވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ.
މެޗުގައި އާސެނަލްއަށް ކުރިއެރުމެއް ލިބުނީ ފުރަތަމަ ހާފްގެ 24 މިނެޓު ކުޅުނު ފަހުން ނެވެ. އެ ޓީމްގެ މޮންރިއަލް ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ހިފައިގެން ވަންނަން މަސައްކަތް ކުރުމުގެ ތެރޭގައި ސިޓީގެ ކޮންޕެނީ ކުރި ފައުލަކާ ގުޅިގެން އާސެނަލްއަށް ޕެނަލްޓީއެއް ލިބިގެން ދިޔައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް، މެޗުގައި އާސެނަލްއަށް ލީޑު ހޯދަދިނީ އެ ޓީމްގެ މިޑްފީލްޑަރު ސަންތީ ކަޒޯލާ އެވެ.
މެޗުގެ ލީޑު ލިބުމުން އާސެނަލް ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެ ލަނޑާއެކު ދެ ޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު އާސެނަލް ފެނިގެން ދިޔައީ ފަހަތަށް ޖެހިލައި ޑިފެންސަށް އިސްކަން ދީގެން ކުޅުނު ތަނެވެ.
މެޗުގެ ދެވަނަ ހާފް ރަނގަޅު ފޯމެއްގައި ފެށީ ސިޓީ އެވެ. ދެވަނަ ހާފްގެ ފުރަތަމަ ވަގުތުކޮޅު ސިޓީ ވަނީ އާސެނަލްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާ ފޮނުވާލާފައެވެ. ހާފްގެ ފުރަތަމަ ވަގުތުކޮޅު ސިޓީގެ އެޓޭކްތައް ލީޑު ކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމްގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ. މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ދެވަނަ ހާފްގެ 67 ވަނަ މިނެޓުގައި އާސެނަލްއަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ ސަންތީ ކަޒޯލާ ނަގައިދިން ބޯޅަ ބޮލުން ޖަހައި، އޮލިވިއާ ޖިރޫ ސިޓީގެ ގޯލުގެ ތެރެއަށް ފޮނުވާލުމުން ނެވެ.
އާސެނަލްގެ ދެވަނަ ލަނޑާއެކު ސިޓީން ފެނިގެން ދިޔައީ ގިނަ ކުޅުންތެރިންތަކެއް ކުރިއަށް ޖެހި، ނަތީޖާ ބަދަލުކުރަން މަސައްކަތް ފެށި ތަނެވެ. ނަމަވެސް ލިބުނު ދެ ލަނޑުގެ ލީޑާއެކު ރަނގަޅު އޯގަނައިޒޭޝަނެއް ފެނިގެން ދިޔަ އާސެނަލްގެ ޑިފެންސް، ސިޓީއަށް ވަނީ ފޫއަޅުވާލެވޭގޮތް ނުވެފައެވެ. އެގޮތުން މެޗު ނިމިގެން ގޮސްފައި ވަނީ ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި 2010 ވަނަ އަހަރުން ފެށިގެން ލީގުގައި އާސެނަލްއަށް ހޯދުނު ފުރަތަމަ ކާމިޔާބީއާއެކު އެވެ.