ލ. ގާދޫ ކައުންސިލުގެ މެންްބަރު އިބްރާހިމް އަހްމަދު ވީނުވީއެއް ނޭނގި ކައުންސިލަށް ގެއްލިފައިވާކަމަށް އެރަށު ކައުސިލުން ބުނަމުންދަނީ ސިޔާސީ ބޭނުމަކަށްޓަކައި ކަމަށް ގެއްލުނު ކަމަށް ބުނާ ކައުންސިލަރު އިބްރާހިމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"ސަން" އާ ވާހަކަދައްކަވަމުން ގާދޫ ކައުންސިލް މެމްބަރު އިބްރާހިމް އަހުމަދު މިއަދު ވިދާޅުވީ، އޭނާ ގެއްލިގެން ކަމަށް ބުނެ ކައުންސިލުން މީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ދޮގު މައުލޫމާތުތަކެއް ކަމަށާއި އެއީ "ސިޔާސީ ބޭނުމަކަށް ކައުންސިލްގެ ރައީސްގެ ގޮނޑި ދިފާއު ކުރަން ދައްކާ ވާހަކަތަކެއް،" ކަމަށެވެ.

"އަޅުގަނޑު މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ސިއްޚީ ފަރުވާއަށް މާލެ ދިއުމަށް ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ލަފާދިން. އެހެންވެ އަޅުގަނޑު ކައުންސިލަށް އެޑްރެސްކޮށް ސިޓީއެއް ލިޔުނިން ވަރަށް ރަނގަޅަށް ކަންތައްތައް ބަޔާންކޮށްފައި. ދެން ސިޓީ ކައުންސިލަށް ލިބެންވެސް ލިބުން. ކައުންސިލްގެ ސިސްޓަމަށް އެ ސިޓީ އެންޓާވެސް ވި،" އިބްރާހިމް ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން އިބްރާހިމް ވިދާޅުވީ، އޭނާ ގެއްލިގެން އުޅޭކަމަށް ކައުންސިލުން ބުނަމުންދާއިރު "އެންމެ ފަހަރަކުވެސް އޭނާއަށް ގުޅާފައި" ނެތް ކަމަށެވެ. އޭނާ ބުނީ، ކައުންސިލަށް މި މަހުގެ 20 ވަނަ ދުވަހު ނުކުންނަވާނެ ކަމަށެވެ.

"ސަލާމް ބުނުމަކީ އަޅުގަނޑަށްވެސް ލިބޭ ހައްގެެއް ނޫންތޯ.. އަޅުގަނޑު އިރާދަކުރެއްވިއްޔާ މި މަހުގެ 20ވަނަ ދުވަހު ނުކުންނާނަން މަސައްކަތައް،" އިބްރާހިމް ވިދާޅުވި އެވެ.

ގާދޫ ކައުންސިލުގެ ރައީސް އަބްދުލް އަޒީޒު އިއްޔެ 'ސަން' އަށް ވިދާޅުވީ، ކައުންސިލަށް ސަލާމް ބުނެ ސިޓީއެއް ފޮނުވިފަހުން، އޭނާގެ ޚަބަރެއް ނުވާކަމަށެވެ. އަދި އޭގެ ފަހުން ސަލާމްވެސް ފޮނުވާފައި ނުވާކަމަށް އަޒީޒު ވިދާޅުވި އެވެ. އަދި ކައުންސިލަށް އިބްރާހީމް އަހްމަދުގެ ޚަބަރެއް ނުވާތާ 27 ދުވަސް ވެފައިވާ ކަމަށާއި، ކައުންސިލުގެ ރައީސް އޭނާއަށް ފޯނުން ގުޅަން ކުރި މަސައްކަތް ކާމިޔާބު ވާގޮތް ނުވި ކަމަށް އަޒީޒު ވިދާޅުވި އެވެ.