ހުޅުމާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ހުޅުމާލޭގެ 54 ސަރަހައްދެއްގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމާފައި ވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު، ސުހައިލް އަހުމަދު މިއަދު 'ސަން' އަށް ވިދާޅުވީ ހުޅުމާލޭގައި، ސެކިއުރިޓީ ކެމެރާ ހަރުކުރުމުން ފުލުހުންގެ ޒިންމާ އަދާކުރުމުގައި، ފަސޭހަ ވެގެން ދާނެ ކަމަށެވެ. ސީސީޓީވީ ކެމެރާތައް ނެތުމުން މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ ސަބަބުން ކުއްކުރާ މިންވަރު މަދުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެޗްޑީސީގެ ޚަރަދުގައި ހުޅުމާލޭގެ 54 ސަރަހައްދެއްގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އަދި އިތުރު ސަރަހައްދުތަކުގައި ވެސް ކެމެރާ ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެމެރާ ހަރުކުރާ ސަރަހައްދުތައް ކަނޑައަޅަނީ ފުލުހުން ކަމަށާއި ކެމެރާ ހަރުކުރުމުގައި މީހުން އާބާދުވެފައި ހުރި ސަރަހައްދުތަކަށް އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.