ކަރާޗީ (ޖަނަވަރީ 19): ފަރަންސޭސިވިލާތުގެ ޝާލީ އެބްޑޫ ނޫހުން ކީރިތި ރަސޫލާ (ސއވ) އަށް ފުރައްސާރަކޮށް ކާޓޫން ކުރަހަމުންދާތީ އެކަމާ ދެކޮޅަށް އިސްލާމީ އެތަށް ގައުމެއްގައި މުޒާހަރާތަކާއި އިހްތިޖާޖްތައް ކޮށްފި އެވެ.

މުޒާހަރާތަކާއި އިހްތިޖާޖްތައް ބޭއްވި ގައުމުތަކުގެ ތެރޭގައި ޕާކިސްތާނާއި ތުރުކީއާއި އުރުދުންގެ އިތުރުން އިންޑޮނީޝިޔާއާއި ނައިޖަރު ހިމެނެ އެވެ. މީގެތެރެއިން އެންމެ ހޫނުގޮތެއްގައި މުޒާހަރާތައް ކުރިޔަށްގޮސްފައިވަނީ ނައިޖަރުގައެވެ. ނައިޖަރުގައި ކުރިޔަށްދިޔަ މުޒާހަރާތަކުގައި ނަސާރާއިންގެ ހަތަރު ފައްޅިއެއް އަންދާލާފައިވެ އެވެ. ނަމަވެސް ނައިޖަރުގެ އިސްލާމީ ދަންނަބޭކަލުންވަނީ ނައިޖަރުގެ ފައްޅިތަކަކީ ޝާލީ އެބްޑޫ ނޫހާ ގުޅުންނެތް ތަންތަން ކަމަށްވާތީ އެއަމަލުތައް ކުށްވެރި ކުރައްވާފައެވެ. އަދި ސަމާވީ އެއްވެސް ދީނެއްގެ ބަޔަކު އަޅުކަންކުރާތަނަކަށް ގެއްލުންދިނުމަކީ އިސްލާމީ އުސޫލުތަކުގެ ތެރޭގައި ހިމެނޭކަމެއްނޫން ކަމަށްވެސް ނައިޖަރުގެ އިސްލާމީ އިލްމުވެރިން ބުނެފައިވެ އެވެ.

ޕާކިސްތާނުގެ ބޮޑެތި ސަހަރުތަކުގައި މުޒާހަރާކުރި ފަރާތްތަކުންވަނީ ޝާލީ އެބްޑޫ ނޫހުގެ ކުރެހުން ތެރިންނާއި އެނޫހުގެ ޙިމާޔަތުގައި މަސައްކަތްކުރައްވާ ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދަށް ނިސްބަތްވާގޮތަށް ޑަމީތައް ހަދައި އެތަކެތި އަލިފާނުން އަންދާފައެވެ. ޕާކިސްތާނުގެ މުޒާހަރާތަކުގައި އެގައުމުގެ ނަސާރާއިންނާއި އިލްމާނީ ފިކުރުގެ ޕާޓީތަކާއި ޖަމާއަތްތައްވެސް ބައިވެރިވެ ޝާލީ އެބްޑޫ ނޫހުގެ ހަރުކަށި އަމަލުތައް ކުށްވެރިކޮށްފައިވެ އެވެ.

ނައިޖަރުގައި ޝާލީ އެބްޑޫ އާ ދެކޮޅަށް އިހްތިޖާޖް ކުރަނީ

ތުރުކީގެވެސް ބޮޑެތި އެތަށް ރަށެއްގައި ކީރިތި ރަސޫލާ (ސއވ) އަށް ތާއީދުކޮށް ޝާލީ އެބްޑޫ ނޫހާ ދެކޮޅަށް މުޒާހަރާތައް ކޮށްފައިވާއިރު މުޒާހަރާކުރި ފަރާތްތަކުން ތުރުކީ ސަރުކާރަށް ގޮވާލީ ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކަޓް ކުރުމަށެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ޝާލީ އެބްޑޫ ނޫހުން ކީރިތި ރަސޫލާ (ސއވ)އަށް ކަޓޫން ކުރެހި މައްސަލަ ކުށްވެރި ކުރައްވާފައެވެ. އަދި ތުރުކީ ސަރުކާރުންވަނީ ޝާލީ އެބްޑޫ ނޫހުގެ ވެބްސައިޓް ބްލޮކް ކޮށްފަ އެވެ.

އުރުދުންގައި މުޒާހަރާ ކުރި ފަރާތްތައްވަނީ ކީރިތި ރަސޫލާ (ސއވ) އަށް ފުރައްސާރަ ކުރުން މަނާކުރާ ގާނޫނެއް ވުޖޫދަށް ގެނައުމަށް އެގައުމުގެ ޕާލަމެންޓަށް ގޮވާލާފައެވެ. އަދި ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކަޓް ކުރުމަށްވެސް އުރުދުންގައި މުޒާހަރާކުރި ފަރާތްތަކުން އެގައުމުގެ ސަރުކާރަށް ގޮވާލާފައިވެ އެވެ.

އުރުދުންގެ މުޒާހަރާތަކުގައިވެސް އެގައުމުގެ ހުރިހާ ފަންތިތަކަކާއި ގިންތި ތަކެއްގެ މީހުން ބައިވެރިވި ކަމަށް އަލްޖަޒީރާ ބުނެ އެވެ.

ޝާލީ އެބްޑޫ ނޫހުގެ އިދާރާއަށް ދާދިފަހުން ބަޔަކު ދިން ބަޑީގެ ޙަމަލާތަކެއްގައި 12 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި އެނޫހުގެ އެޑިޓަރުވެސް ހިމެނެ އެވެ. (އަލްޖަޒީރާ)