ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ލ. ކުނަހަންދޫ ރަށު ކައުންސިލްގެ ގޮނޑިއެއް މަޝްހޫރު ފުޓްބޯޅަ ކޯޗު ލިރުގާމް ސައީދު(ލަރޭ) ހޯދައިފި އެވެ.

ކުނަހަންދޫގައި ސޮކަރ އެކަޑަމީއެއް ހަދާ ފާއިތުވެދިޔަ 5 އަހަރެއްހާ ދުވަހު ފުޅާ ދާއިރާއެއްގައި ފުޓްބޯޅައިގެ ހަރަކާތްތައް އެރަށުގައި ހިންގާފައިވާ ލަރޭއަށް ވަގުތީ ނަތީޖާގައި މިހާތަނަށް މީޑިއާގައި އާއްމުވެފައިވާ ނަތީޖާއިން 125 ވޯޓް ވަނީ ލިބިފައެވެ. މިއީ އެ ކައުންސިލަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ މަތީ ވޯޓް ލިބުނު ފަރާތްވެސް މެއެވެ. އެއީ ވޯޓްދިން މީހުންގެ 7 ޕަސެންޓެވެ.

އަމިއްލަ ގޮތުން ކުރިމަތިލައިގެން ލަރޭ ގޮނޑި ކާމިޔާބުކުރިއިރު މިދިޔަ އަހަރު ލަރޭ ވަނީ ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗުކަންކޮށްފައެވެ. އަދި ނިއުއިން ބުނެފައިވަނީ މިއަހަރުވެސް ކޯޗިން ޓީމަށް ބަދަލެއް ގެންނަން ވިސްނާފައި ނެތް ކަމަށެވެ. އެހެން ނަމަވެސް ކައުންސިލް މެމްބަރުންނަކީ ރަށުގައި ތިބެގެން ވަޒީފާ އަދާކުރަން ޖެހޭ ބަޔަކަށްވާތީ ލަރޭ ދެން އެ ޓީމުން ފެނުން ގާތްކަމަކަށް ނުބެލެވެއެވެ.

ލަރޭ ހޮވުނު ކުނަހަންދޫ ކައުންސިލްގައި އެންމެ ގިނަ ވޯޓް ލިބިގެން ކުރީގައި އުޅެނީ ލަރޭގެ އިތުރުން އެމްޑީޕީގެ ދެ ކެންޑިޑޭޓުންނާއި ޑީއާރުޕީގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ކެންޑިޑޭޓެކެވެ.