ދިރާގުން އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫއަށް ފޯޖީ އެލްޓީއީގެ ހިދުމަތް ރޭ ތައާރަފްކޮށްފި އެވެ. ދިރާގުން ވަނީ އެ ކުންފުނީގެ 4ޖީ ހިދުމަތް މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކަށް ވެސް ތައާރަފްކޮށްއެވެ.

ރޭ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ހަފްލާއެއްގައި އައްޑޫސިޓީއަށް 4ޖީ ހިދުމަތް ތައާރަފުކޮށްދެއްވީ ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު އެވެ. އެ ހިދުމަތް ތައާރަފްކޮށް އެކަމުގެ ރަމްޒީ ފިލާ ވަނީ އައްޑޫސިޓީ ކައުންސިލާ ހަވާލުކޮށްދެއްވާފައެވެ.

އެހިދުމަތް ތައާރަފް ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީ އިސްމާޢީލް ރަޝީދު ވިދާޅުވީ، ދިރާގުން މުޅިރާއްޖެއަށް އިންޓަނެޓް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، މިހާރު 4ޖީގެ ހިދުމަތްވެސް މާލޭގެ އިތުރުން އާބަދީ ބޮޑެތި ސަރަހައްދުތަކަށާއި އައްޑޫސިޓީއަށް ލިބޭނެކަމަށެވެ.

" އައްޑޫ ސިޓީއަކީ ދިރާގުންދޭ ހުރިހާ ހިދުމަތެއްވެސް ލިބިގެންދާ ސިޓީއެއްކަމުން، މާލެއެކޭ އެއްގޮތަށް ފަހުގެ ޓެކްނޮލޮޖީ އާއި އާ ހިދުމަތްތަށް ލިބިވަޑައިގަންނަވާ ސިޓީއެއްކަން ފާހަގަ ކުރަން" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

އެ ހަފްލާގައި ވަނީ ފޯޖީ ޚިދުމަތާބެހޭގޮތުން އިތުރު ތަފްސީލާއި ދިރާގުގެ ފޯޖީ ޚިދުމަތް ބޭނުންކުރުމަށް ތައާރަފުކުރެވުނު ޑިވައިސްތަކުގެ އިތުރުން ދިރާގުން ތްރީޖީ އަދި ފޯޖީއަށް ފަރުމާކޮށްފައިވާ ބޮޑެތި ޑޭޓާ ޕްލޭންގެ މައުލޫމާތުތައްވެސް ހިއްސާކޮށްފައެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި މިހާރު ރާއްޖޭގެ އާބާދީގެ 50 ޕަސެންޓަށް ވުރެ ބޮޑު ބަޔަކަށް އެލްޓީއީ 4ޖީ ޚިދުމަތްދެވިފައިވާއިރު، އެ ކުންފުނީގެ 4ޖީ ނެޓްވޯކަކީ މިހާރު ރާއްޖޭގެ އެއްމެބޮޑު އަދި އެއްމެ ހަލުވި ސްޕީޑް ލިބޭ 4ޖީ ނެޓްވޯކެވެ.