ގުނައިތިރާ (ޖަނަވަރީ19): ސީރިޔާގެ ގޯލާންގެ ގުނައިތިރާ ސަރަހައްދުން ދަތުރުކޮށްފައިދިޔަ ހިޒްބުﷲގެ އަސްކަރީ ގާފިލާއަކަށް އިސްރާއީލުން ޙަމަލާދީ އެ ޖަމާއަތުގެ ކޮމާންޑަރުންތަކެއް މަރާލި މައްސަލައިގައި އިސްރާއީލާ ދެކޮޅަށް ބަދަލުހިފާނެ ކަމުގެ އިންޒާރު އެޖަމާއަތުން ދީފި އެވެ.

ހިޒްބުﷲއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލަށް ރައްދު ދިނުމަށްޓަކައި އެޖަމާއަތުގެ އަސްކަރީ ބާރުތައް ކުއްލި ޙާލަތަކަށް ގެނެސްފައިވާ ކަމުގަ އެވެ.

އިސްރާއީލުން ހިޒްބުﷲއަށް ދިން ހަމަލާތަކުގައި މަރުވި ހިޒްބުﷲގެ ފަސްމީހުންގެ ތެރޭގައި އެޖަމާއަތުގެ ކުރީގެ އިސްވެރިއެއް ކަމަށްވާ އިމާދު މުޣްނިޔާގެ ދަރިކަލުން ޖިހާދު މުޣްނިޔާއާއި އިތުރު ދެ ކޮމާންޑަރުން ހިމެނެ އެވެ. އިސްރާއީލުންވަނީ އިމާދު މުޣްނިޔާވެސް މީގެ އަށެއްކަ އަހަރުކުރިން ޓެރަރިސްޓް ޙަމަލާއެއްދީ މަރާލާފައެވެ.

ސީރިޔާގެ ހުޅަނގު އުތުރުގައިވާ ގުނައިތިރާއަކީ 1967ގެ ހަނގުރާމައިގައި އިސްރާއީލުން ހިފި ސީރިޔާގެ ގޯލާންގެ ބިމުގައި ހިމެނޭ، ނަމަވެސް އިސްރާއީލުގެ ކޮންޓްރޯލް ނެތް ސަރަހައްދެކެވެ. ގޯލާންގައި މަރުކަޒުކޮށްފައިވާ އިސްރާއީލުގެ އަސްކަރީ ހެލިކޮޕްޓަރަކުން މިޙަމަލާތައް ދިނީ ހިޒްބުﷲގެ ކޮމާންޑަރުން ތިއްބެވި އަސްކަރީ ގާފިލާއެއް ގުނައިތިރާ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް ކަމަށްވެ އެވެ.

އިސްރާއީލު ޢުދުވާނަށްފަހު ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި، އިސްރާއީލުން އެޖަމާއަތުގެ ކޮމާންޑަރުންތަކެއް މަރާލިކަން ކަށަވަރުކޮށްދީފައިވެ އެވެ.

ހިޒްބުﷲ އަކީ ލުބްނާނުގެ ދެކުނުގެ ސަރަހައްދަށް އިސްރާއީލު ވެރިވެގަނެގެން އުޅެނިކޮށް ބާރުގެ ބޭނުންކޮށްގެން އެސަރަހައްދުން އިސްރާއީލުގެ އަސްކަރީ ބާރުތައް ފައްސާލި ބާރުގަދަ ޖަމާއަތެވެ. މިޖަމާއަތުންވަނީ 2006 ވަނަ އަހަރު އިސްރާއީލުން ލުބްނާނާ ދެކޮޅަށްކުރި އުދުވާނީ ހަނގުރާމައިގައި އިސްރާއީލުގެ ރަށްތަކަށް އެތަށް ހާސް ރޮކެޓް ހަމަލާތަކެއްދީ އިސްރާއީލާއި އިސްރާއީލުގެ އަނިޔާވެރިކަމަށް ވާގިވެރިވާ އެމެރިކާ ސިއްސުވާލާފައެވެ. އަދި ހިޒްބުﷲ އިން އެތަށްފަހަރެއްގެ މަތިން އިސްރާއީލު ސިފައިންގެ މައްޗަށް އަސްކަރީގޮތުން ނަސްރު ހޯދާފައިވެ އެވެ. ހިޒްބުﷲ އިން އިސްރާއީލާ ދެކޮޅަށް ބޭނުންކުރި މިއުކުޅުތަކާއި ތަޖްރިބާތައް އެއަށްވުރެ ފުރިހަމަގޮތެއްގައި ބޭނުންކޮށްގެން ފަލަސްތީނުގެ ޙަމާސް ޖަމާއަތްވެސްވަނީ އިސްރާއީލުގެ ބާރުގަދަ ލަޝްކަރުތަކުގެ މައްޗަށް އަސްކަރީގޮތުން ނަސްރު ހޯދާފައެވެ.

ސީރިޔާގައި 2001 ވަނަ އަހަރު ފެށުނު ދާޚިލީ ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ވާގިވެރި ވުމަށްޓަކައި ހިޒްބުﷲގެ ހަނގުރާމަވެރިން ލުބްނާނާއި ސީރިޔާގެ ސަރަހައްދީ ރޮނގުގެ އިތުރުން ގޯލާންގެ ގުނައިތިރާ ސަރަހައްދުގައިވެސް ހަރަކާތްތެރިވަމުންދެ އެވެ.

ހިޒްބުﷲގެ ގާފިލާއަށް ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އެޖަމާއަތުން ދީފާނެ ހަމަލާއަކާ މެދު އިސްރާއީލުން ކަންބޮޑުވެފައިވާއިރު ލުބްނާނާއި އިސްރާއީލު ގުޅިފައިވާ ސަރަހައްދީ ރޮނގުގެ ކައިރީގައި އިސްރާއީލުގެ ސިފައިން ގިނަ އަދަދަކަށް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)