އެމަނިކުފާނަށް ގޮންޖެހުންތަކާ ކުރިމަތިވާ ދަނޑިވަޅުތަކުގައި ހިތްވަރު ދޭ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށާއި، އަދިވެސް ގައުމާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ޚިދުމަތުގައި ހުރިކަމުގެ ޔަގީންކަން އަރުވާކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމުގެ ގެއަށް ރޭ ފުލުހުން ވަދެ، ތަހުގީގަށް ކަމަށް ބުނެ ބައެއް ތަކެތި ގެންގޮސްފައިވާ ދަނޑިވަޅާ ދިމާކޮށް ނާޒިމު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގޮންޖެހުންތަކާ ކުރިމަތިވާ މި ދަނޑިވަޅުގައި، އެމަނިކުފާނާއި، އާއިލާ އަށް ހިތްވަރިދެއްބާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.




ނާޒިމް މިރޭ ކުރެއްވި އެެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރޭގެ ހާދިސާގެ ސަބަބުން އެއްވެސް ކަހަލަ ސިހުމެއް ނުލިބޭ ކަމަށާއި، ރައީސް ޔާމިން ހަވާލުކުރެއްވި ޒިންމާތައް އަދާކުރުމުގައި ސާބިތުވެ ހުރި ކަަމަށެވެ. ފުލުހުން ރޭ ވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެމަނިކުފާނުގެ ގެކޮޅުން ބައެއް ސާމާނު ގެންގޮސްފަ އެވެ.




ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު 'ސަން' އަށް ވިދާޅުވީ ޑިފެންސް މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަދެ ފާސްކުރި ކުރުމާއި ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އަދި ސަރުކާރާއި ނާޒިމާ ދެމެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ.