18 Jan 2015, 20:30
އިންޑިއާ އިން މުދާ ހިފައިގެން އައި ބޯޓަކުން ރާއްޖެ އެތެރެކުރި 9.9 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ދިވެހީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި "އެމްއެސްވީ ސިލްވާ ކްލައުޑު" ނަމަކަށް ކިޔާ ބޯޓުން ރާއްޖެ ގެނައި މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ކަމުގެ ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައި ވަނީ ހ. ކަހަފަތި އިލްޔާސް އަހްމަދާއި ވ. ކެއްކުރި އިބްރާހީމް ޝިހާބުގެ އިތުރުން މއ. ކެނޯވާ ހަސަން ޝިމާޒުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގި ޑެލިވަރީ ކޮންޓްރޯލް އޮޕަރޭޝަންގެ ދަށުން މާލޭ ކޮމާޝަލް ހާބަރު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް އެ ސަރަހައްދަށް 2012 ވަނަ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހުގެ އިރު އޮއްސި 6:15 އެހާކަންހާއިރު އެ މީހުން ދެ ސައިކަލެއްގައި ދިޔަކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.
އެހެންނަމަވެސް އެމީހުން އެތަނަށް ދިޔައީ "އެމްއެސްވީ ސިލްވާ ކްލައުޑު" ނަމަކަށް ކިޔާ ބޯޓުން ރާއްޖެ އައި އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އެސް މާރިޔާ އެންތޮނީ ކްރިސްޓޮފާ މާލޭ ކޮމާޝަލް ހާބަރު ފާރުމަތިން އެއްލާލި ގޯނީގައި ހުރި މަސްތުވާތަކެއްޗާ ހަވާލުވާންކަން ސާބިތުވާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށް އެ ހުކުމްގައިވެ އެވެ.
"އެމްއެސްވީ ސިލްވާ ކްލައުޑު" ނަމަކަށް ކިޔާ ބޯޓުން މަސްތުވާތަކެތި އެތެރެ ކުރި ބިދޭސީންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. ނަމަވެސް އެ މައްސަލައިގައި އަދި ހުކުމް އިއްވާފައެއް ނުވެ އެވެ.