ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެކޮޅުގައި ހަތިޔާރު ހުރެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ނާޒިމްގެ މައްޗަށް ތުހުމަތު ކުރަނީ ސައްހަ ގޮތުގައި ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ޒާއިދު ފައުންޑޭޝަނުން އަބޫދާބީގައި ބާއްވާ ރިނިއުވަބަލް އެނާޖީ އިނާމު ދިނުމުގެ ޖަލްސާއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާ އާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެކޮޅުން ތަހުގީގަށް ބޭނުންވާތަކެތި ނެރިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވާ އިރު އެއީ އެބޭފުޅާގެ ގެކޮޅުގައި ހުރި ތަކެތިކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ.

ޑިފެންސް މިނިސްޓަރު ނާޒިމްގެ ގެކޮޅަށް މީޑިއާ އަށް ވެސް ސިއްރުން ރޭ ދަންވަރު ވަދެ، އެބޭފުޅާގެ ގެކޮޅުން ނެރުނު ތަކެއްޗަކީ، އެގޭގައި ހުރި ތަކެތި ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. ނާޒިމްގެ ގެކޮޅު ބަލައި ފާސްކުރުމުގެ ހުއްދައަށް ފުލުހުނަށް ކޯޓުގައި އެދެވޭނީ، ކަމަކަށް ޝައްކު ކުރެވިގެން ހެއްކާއި ގަރީނާ ހުރެގެން ކަމަށާއި އެކަންވެސް ފުލުހުން ސާފުކޮށްދީފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ތުހުމަތުތައް ކުރެވުނީ ސައްހަ ގޮތުގައި ކަމަކަށް. އާންމު ގޮތުގައި ބަލާ ފާސްކުރެވޭ އިރުގައި މީޑިއާގެ ބައިވެރިވުން ވެސް އޭގައި ހިމެނޭ. މިނިސްޓަރު ނާޒިމްގެ ގެއިން ނެރުނު ތަކެއްޗަކީ އެ ބޭފުޅާގެ ގޭގައި ހުރި ތަކެތިތޯ އަޅުގަނޑުމެންނަށް ޝައްކުއުފެދޭ،" ނަޝީދު ވިދާޅުވި އެވެ.

ނާޒިމްގެ ގެކޮޅުގައި ހަތިޔާރު ހުރި ކަމަށް ތުހުމަތު ކުރެވުނީ ކޮން ތަހުގީގަކުންތޯ ސާފުވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ނާޒިމްގެ ގެކޮޅު ބަލައި ފާސްކުރުމާ ގުޅިގެން އެމަނިކުފާނުގެ އިތުބާރު ނުގެއްލޭ ކަމަށް ބުނެ ރައީސް ދޮގު ހަދާފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވާ ވާހަކަތަށް ގަބޫލެއް ނުކުރެވޭ، ކަނޑައެޅިގެން ހައްދަވާ އިތުރުފުޅެއްކަން ސާފުވޭ، ރައީސް ޔާމިންގެ އަމަލުތައް ހުރީ، އެބޭފުޅާގެ އިސްތިއުފާއަށް އެދެން ޖެހޭ ގޮތަށް،" ނަޝީދު ވިދާޅުވި އެވެ.

ނާޒިމްގެ ގެކޮޅު ބަލައި ފާސްކުރުމުގައި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އަތެއްވާ ކަމަށް ނަޝީދު ވަނީ ތުހުމަތުކުރައްވާފަ އެވެ. ނަޝީދު މިރޭ ވިދާޅުވީ ޑިފެންސް މިނިސްޓަރު ނާޒިމް ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް، ވަގުތީ ގޮތުން ޑިފެންސް މިނިސްޓްރީ ހިންގުން އަދީބާ ހަވާލު ކުރެއްވުމުން މަގާމުގެ ބޭނުން ކުރައްވައި ސީރިއާއަށް ހަނގުރާމައަށް ދިޔަ ބަޔަކު ރާއްޖެ އިން ފުރައިގެން ދިއުން ހުއްޓުވުން މަނާ ކުރެއްވި ކަަމަށެވެ.

"އެކެއްޗަކީ މިނިސްޓަރު ނާޒިމްގެ ގެއިން ފެނުނު ސިޓީއެއް ކަމަށް. މި ސިޓީއަކީ ނާޒިމްގެ ޗުއްޓީގައި ހުންނެވި ދުވަސްކޮޅު، ރާއްޖެ އިން ފުރައިގެން ސީރިއާއަށް ދާން އުޅުނު ބައެއްގެ ފުރުމަށް ޖާގަ ދިނުމަށް މިނިސްޓަރު އަދީބު އެވަގުތު ހަވާލުވެ ހުންނެވި މިނިސްޓަރު، އިމިގްރޭޝަން ޑިޕާޓްމަންޓަށް ލިޔުއްވާފައި އޮތް ސިޓީއެއް. މިނިސްޓަރު ނާޒިމް ޗުއްޓީ ނިއްމާލާފައި އެ ތަހުގީގު ހިންގެވި ކަމަށް،" ނަޝީދު ވިދާޅުވި އެވެ.