ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ހޯޕް ފޯ ވިމެންސް އިން ރާއްޖޭގެ އަންހެން ކައުންސިލަރުންނަށް އަމާޒުކޮށްގެން މިއަދު ވޯކްޝޮޕެއް ފަށައިފި އެވެ.

ސްޓެލްކޯގެ ކޮންފަރެންސް ހޯލުގައި މިއަދު ފެށި އެ ވޯކްޝޮޕް ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިކުރުން އިތުރު ކުރުމަށް އެކި ކަހަލަ ސެޝަންތަކެއް ނަގައިދިނުމަށް ހަމަޖެހިފައިވާއިރު އެ ވޯކްޝޮޕްގައި 16 އަންހެން ކައުންސިލަރުން ބައިވެރިވެފައިވެ އެވެ.

ހޯޕް ފޮ ވިމެންސުން ބުނީ 21 ކައުންސިލަރަކު އެ ވޯކްޝޮޕަށް އައުމަށް ޔަގީންކަން ދިން ކަމަށާއި އެ އަދަދު މަދުވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ތިން ދުވަހަށް ކުރިއަށްދާ އެ ވޯކްޝޮޕުގައި ކައުންސިލަރުން އެބޭފުޅުންގެ މަގާމުގައި ތިބެ ކަން ކަމުގައި އިސްނެގުމުގެ މައްޗަށާއި އަންހެނުންނާއި ފިރިހެނުން ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. މީގެ އިތުރުން ކުޑަ ޕްރޮޖެކްޓްތަކަށް ޕްރޮޕޯސަލް ލިޔުން ފަދަ މަސައްކަތް ވެސް އެ ވޯކް ޝޮޕްގައި ކުރިއަށް ގެންދާނެ އެވެ.

މިއަދު ފެށި ވޯކްޝޮޕަކީ އެގޮތަށް ބާއްވާ ދެ ވަނަ ވޯކްޝޮޕެވެ. މިދިޔަ އަހަރު ބޭއްވި ފުރަތަމަ ވޯކްޝޮޕުގައި ބައިވެރިވީ 11 ކައުންސިލަރުންނެވެ. އެއީ ރަށު ނުވަ ކައުންސިލަރުންނާއި ދެ އަތޮޅު ކައުންސިލަރުންނެވެ.

ހަމަ އެފަދައިން ހޯޕް ފޮ ވިމެންސް އިން އަންނަނީ ރާއްޖޭގެ އެކި ރަށް ރަށުގައި އަންހެނުން ބާރުވެރި ކުރުމާ ބެހޭ ގޮތުން ތަފާތު ވޯކްޝޮޕްތަކެއް ބާއްވަމުންނެވެ.