07 Feb 2011, 22:33
ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ބަލި ގަބޫލުކުރައްވައި ސަރުކާރު ހިންގޭވަރު ބަޔަކާ ސަރުކާރު ހަވާލުކޮށް ރައީސް މުހަންމަދު ނަޝީދު ވެރިކަމާ ފެޔަށް ޖެހިވަޑައިގަތުމަށް ވެރިކަން ކުރާ އެމްޑީޕީ ކޯލިޝަނާ ދާދިފަހުން ގުޅިވަޑައިގަތް ލޭބަ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) މިއަދު ގޮވާލައްވައިފި އެވެ.
ސަލީމް ސޮއި ކުރައްވައި ލޭބާ ޕާޓީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި، ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް ބޭނުންކޮށްފައިވާ ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުން މި އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވުމަކީ އެމްޑީޕީ އިއްތިހާދުގެ ލީޑަޝިޕަށް ތާއީދު ނެތް ކަން ދޭހަވާ ކަމެއް ކަމަށެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވަން ބޭނުންފުޅު ނަމަ އެކަން ކުރެވޭނެ ފަދަ ލީޑަޝިޕަކާ ގައުމުގެ ކަންތައް ހަވާލުކުރެއްވުމަށް ފަހު ރައީސް ނަޝީދު ގައުމުގެ ވެރިކަމުން ފެޔަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް ސަލީމު ނެރުއްވި ދެ ސަފުހާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށާއި ރައީސް މުހައްމަދު ނަޝީދުގެ ޒައާމަތަށް ލިބުނު ކަމަށް މި ފެންނަ ނާކާމިޔާބީ އަކީ ދައުރުގެ މެދާ ހަމައަށް އައިއިރު އެ މަނިކުފާނުގެ ޒައާމަތާ މެދު ރައްޔިތުން ނޫނެކޭ ބުނެފި ކަމުގެ އަލިގަދަ ހެއްކެކެވެ. އަދި އެމްޑީޕީ އިއްތިހާދުގެ ހިންގުން ކަމަށް ގާބިލު އެހެން ބަޔަކާ ހަވާލުކުރުމުގެ ވަގުތު ޖެހިއްޖެ ކަމުގައި ރައްޔިތުން ކަނޑައަޅައިފި ކަމުގެ ހެއްކެއް ވެސްމެ އެވެ،" ރައްޔިތުންގެ މަޖިލީހުގެ ބ. އޭދަފުށީ ދާއިރާގެ މެންބަރު ވިދާޅުވެފައިވެ އެވެ.
އެ ބަޔާނުގައި ސަލީމް ވިދާޅުވެފައި ވަނީ ސަރުކާރުން އިންތިހާބަށް ނުފޫޒުފޯރުވުމަށް "މިލިއަނުން ފައިސާ ބައްސަވައި" ސަރުކާރުގެ ނުފޫޒު ވޯޓަށް ފޯރުވެން ހުރި ހުރިހާ ގޮތަކަށް ފޯރުވަމުން ދިޔަ އިރު ވެސް އިދިކޮޅު ފަރާތްތަކުން އިންތިހާބުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް، ރައްޔިތުންގެ ވޯޓުގެ އަޣުލަބިއްޔަތު ހޯދާފައި ވުމަކީ ސަރުކާރުގެ "ލީޑާޝިޕް ބަދަލުކުރުމުގެ ވަގުތު ޖެހިއްޖެ ކަމުގައި ދިވެހި ރައްޔިތުން ދިން ފާޅުކަން ބޮޑު މެސެޖެއް ކަމުގައި" ކަމަށެވެ.
ނަމަވެސް ސަލީމު ވިދާޅުވެފައި ރައްޔިތުންގެ ލާބަޔާއި މަންފާޔަށް ކަންތައްތައް ކޮށްދޭހާ ހިނދަކު އެމްޑީޕީ ކޯލިޝަންގައި އެ ޕާޓީ ދެމި އޮންނާނެ ކަމަށެވެ.
"މި ޕާޓީ އަކީ ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޕާޓީއެއްގެ ގޮތުގައި އޮވެ، މި ޕާޓީން ގަބޫލު ކުރަނީ ރައްޔިތުންގެ ވޯޓާއި ނިންމުންތަކަށް ސަރުކާރުން އިހުތިރާމްކޮށް އެ ހިނދަކު ސަރުކާރުގެ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލުތަކެއް ވަގުތުން ގެންނަން ޖެހޭނެ ކަމަށެވެ. ރައްޔިތުންގެ ވިންދާއި އެއްގޮތަށް ވެރިކަން ހިންގުމުގެ ކަންކަން ރާވަމުން ދާހާ ހިނދަކު ސަރުކާރު ހިންގާ އިއްތިހާދާ އެކު މި ޕާޓީން އެއްބާރުލުން ދެމުން ގެންދާނޭ ކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި ރައްޔިތުންނަށް އަރުވަމެވެ،" އެ ބަޔާނުގައި ރެޑް ސަލީމް ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދު ވެރިކަމުގެ މެދުން މިޑް ޓާމް އިލެކްޝަނެއް ބާއްވަވާނެ ކަމަށް ވިދާޅުވެ ލޯކަލް ކައުންސިލް އިންތިހާބަކީ އެ އިންތިހާބު ކަމުގައި ވިދާޅުވެ ދައްކަވާފައިވާ ވާހަކަ އަށް އިޝާރަތް ކުރައްވައި ސަލީމު ވިދާޅުވެފައި ވަނީ، މި އިންތިހާބަކީ "ދައުރުގެ މެދާ ހަމައަށް އައިއިރު އެ މަނިކުފާނުގެ ޒައާމަތާ މެދު ރައްޔިތުން ނޫނެކޭ ބުނެފި ކަމުގެ އަލިގަދަ ހެއްކެއް" ކަމަށެވެ.
މި ދިޔަ އަހަރުގެ މެއި 29ގައި އެމްޑީޕީ ކޯލިޝަން އާ ގުޅިވަޑައިގަތް ފަހުން މިއީ ސަރުކާރަށް ރެޑް ވޭވް ސަލީމް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.
މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސަލީމު ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާ އަދި އުފަން ރަށް އޭދަފުށީގެ ހުރިހާ ގޮޑިއެއް ވެސް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު ޑީއާރުޕީންނެވެ.