18 Jan 2015, 17:33
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކިއުޕީއާރްއާ ދެކޮޅަށް ކުޅުނު މެޗުގައި ފަލްކާއޯގެ ކުޅުން ރަނގަޅު ކަމަށް ޔުނައިޓެޑްގެ ކޯޗު ލުއިސް ވެން ހާލް ބުނެފި އެވެ.
ވެން ހާލް ބުނީ ކޯޗެއްގެ ގޮތުގައި ހުރެ އޭނާ ވިސްނާގޮތް ފަލްކާއޯއަށް މުހިންމު ނުވާނެ ކަމަށާއި، ރޭގެ މެޗުގައި ފަލްކާއޯ ހަމަލާ އުފައްދަން މަސައްކަތް ކުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އޭނާގެ ކުޅުން ރަނގަޅުތޯ ނިންމާނީ ކޯޗެއްގެ ހައިސިއްޔަތުން ވެން ހާލް ކަމަށާއި، ރޭގެ މެޗުގައި އެނާ ކުޅެފައިވާ ކުޅުމާމެދު ހިންހަމަ ޖެހޭކަމަށް ވެން ހާލް ބުންޏެވެ.
"އަހަރެން ވިސްނާނެ ގޮތް ފަލްކާއޯއަށް އެހާ މުހިންމެއް ނުވާނެ. އެއީ އޭނާ ބޭނުންވާނީ ލަނޑުތަކެއް ކާމިޔާބު ކުރަން. ނަމަވެސް އޭނާގެ ކުޅުން ޖަޖު ކުރާނީ އަހަރެން. އަހަންނަށް ފެންނަ ގޮތުގައި އޭނާ ރޭގެ މެޗުގައި ދެއްކީ ހަމަ ރަނގަޅު ކުޅުމެއް،" ވެން ހާލް ބުންޏެވެ.
ވެން ހާލް ބުނީ ސްޓްރައިކަރެއްގެ އެންމެ މުހިންމު އެއް ސިފައަކީ ލަނޑު ކާމިޔާބު ކުރުން ކަމަށެވެ. ނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން އެ ސްޓްރައިކަރަކީ ހަމަލާއެއް އުފެއްދުމުގައި މުހިންމު ރޯލެއް އަދާކުރާ ކުޅުންތެރިއެއްތޯ ބެލުމުގެ އިތުރުން، އެހެން ސްޓްރައިކަރަކާ އެކު އޭނާ ހަމަލާ އުފެއްދުމުގައި މަސަކަތް ކުރާ ގޮތްވެސް ބަލަން ޖެހޭ ކަމަށް ވެން ހާލް ބުންޏެވެ.
"ސްޓްރައިކަރެއްގެ އެންމެ މުހިންމު އެއް ސިފައަކީ ލަނޑު ކާމިޔާބު ކުރުން ކަން އަހަންނަށްވެސް އިނގޭ. ނަމަވެސް ކޯޗެއްގެ ގޮތުގައި ހުރެ އެ ސްޓްރައިކަރަކީ އެޓޭކިންގް ޕޮއިންޓެއްތޯ އަހަރެން ބަލަން ޖެހޭ. އަދި އުފައްދާ ހަމަލާގެ ދެވަނަ އަދި ތިންވަނަ ފޭސްއަށް ދާއިރު، ދެވަނަ ސްޓްރައިކަރަކާ އެކު އޭނާ މަސައްކަތް ކުރަނީ ކިހިނެއްތޯވެސް ބަލަން ޖެހޭ. އަދި އޭގެ އިތުރުން އެ ހަމަލާއަށްފަހު އޭނާ ކަންތައް ކުރަނީ ކިހިނެއްތޯވެސް އަހަރެން ބަލަން ޖެހޭ،" ވެން ހާލް ބުންޏެވެ.
ފަލްކާއޯގެ ކުޅުމާމެދު ވެން ހާލް ހިތްހަމަޖެހުން ފާޅުކޮށްފައި ވާއިރު، މި މަހުގެ 11 ވަނަ ދުވަހު ސައުތޭމްޕްޓަނާ ދެކޮޅަށް އެ ޓީމް ކުޅުނު މެޗުގެ ސްކޮޑުގައިވެސް ވެން ހާލް ފަލްކާއޯ ހިމަނާފައެއް ނުވެއެވެ. އެކަމާ ގުޅިގެން ފަލްކާއޯގެ އޭޖެންޓް ވަނީ އެނާ ޔުނައިޓެޑް ދޫކޮށްލަފާނެ ކަމުގެ އިޝާރާތްތަކެއް ކޮށްފައެވެ. ނަމަވެސް އޭނާ ޔުނައިޓެޑުގައި މަޑުކުރަން ބޭނުން ނަމަ އެކަން ތަމްރީނު ތަކާއި މެޗުތަކުގައި ދައްކުވައިދޭން ޖެހޭ ކަމަށް ބުނެ ވެން ހާލް ވަނީ އޭނާގެ ބަހުގައި ހިފަހައްޓާފައެވެ.